ކުރިއަށް އޮތް އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ގަތަރުގެ ޓްރެއިނިން ކޭމްޕަކަށް މިއަދު ފުރައިފި އެވެ.

ޓްރެއިނިންގް ކޭމްޕަކަށް ޓީސީން ގަތަރަށް ފުރީ އެފްއޭއެމް އިން ފަހިކޮށްދިން ފުރުސަތެއްގައެވެ. މިއީ މިދިޔަ ހަތް ވަރަކަށް މަސް ތެރޭ ޓީސީން އެފްއޭއެމްގެ އެހީގައި ރާއްޖޭން ބޭރުގައި ފުރިހަމަކުރާނެ ދެ ވަނަ ޓްރެއިނިން ކޭމްޕް އެވެ. ޓީސީން ވަނީ މިދިޔަ ޖުލައި މަހު ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއެކު ޓްރެއިނިން ކޭމްޕެއްގައި ސައުދީ އަރަބިއްޔާ އަށް ވެސް ގޮސްފަ އެވެ. ގަތަރުގެ ޓްރެއިނިން ކޭމްޕް ނިންމާފައި ޓީސީ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ހާއްސަ ގްރޫޕުގައި ޓީސީއާ އެކު ހިމެނެނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. މި ގްރޫޕުގައި ދެން ވާދަކުރާނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމެކެވެ. ޕްރިލިމިނަރީ ބުރުގައި މާޒިޔާ ވަނީ އަވޭ ގޯލުގެ ތަފާތުން ބަންްގްލަދޭޝްގެ ޑާކާ އަބަހާނީ ކަޓުވާލައިފަ އެވެ.

ޓީސީން ވަނީ 2018 ވަނަ އަހަރުގެ އޭއެފްސީ ކޮލިފައިންގައި ކުޅެފަ އެވެ. އެ ފަހަރު ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން އަތުން މޮޅުވި ނަމަވެސް ޕްލޭއޮފްގައި ބެންގަލޫރާ އަތުން ޓީސީ ވަނީ ބަލިވެފައެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޓީސީ އަށް ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އެޓީމަށް މިދިޔަ އަހަރު އޮތް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނީ ކްލަބް ލައިސަންސިން ކަންތައް ރާއްޖޭގެ ކްލަބްތަކަށް ފުރިހަމަ ނުކުރެވުމުންނެވެ. މިއަހަރުގެ ދިވެހި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ވަނީ ފުރުސަތު ހޯދައިފަ އެވެ. ޓިސީ އަށް އަންނަ ސީޒަނުގެ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބެން އޮތީ އެފްއޭ ކަޕް ކާމިޔާބުކޮށްގެންނެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 12 ވަނަ ދުވަހު ކުޅޭނީ ރަށުން ބޭރުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ.