ފާއިތުވެދިޔަ ތަނުގައި ނަތީޖާ ބެންގަލޫރު ކޮޅަށް ބުރަވެފައި ހުރި ނަމަވެސް ރާއްޖޭގެ ޓީމުތަކަކީ އާންމު ގޮތެއްގައި އިންޑިއާގެ ޓީމުތަކާއި ދެކޮޅަށް ތަފާތު ކުޅުމެއް ކުޅޭ ބައެއް ކަމަށާއި އެހެން ކަމުން މާދަމާގެ މެޗަށް ނުކުންނާނީ ކުރީގެ މެޗުތައް އެއް ކައިރިކޮށް، މުޅިން އާ ޗެލެންޖަކާއެކު ކަމަށް އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީގެ ކޯޗު ކާލެސް ކުއަޑްރާޓް ބުނެފިއެވެ.

ބެންގަލޫރު އެފްސީން ވަނީ މީގެ ކުރިން އޭއެފްސީ ކަޕްގައި މާޒިޔާ އާއި ދެކޮޅަށް 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ކުޅެފައެވެ. އެ ދެފަހަރު ވެސް މާޒިޔާ ވަނީ ބަލިވެފައެވެ. މާޒިޔާގެ އިތުރުން ރާއްޖޭގެ ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެސް ބެންގަލޫރުން ކުޅެފައިވާއިރު މިހާތަނަށް ރާއްޖޭގެ ޓީމުތަކުގެ ތެރެއިން ބެންގަލޫރު ބަލިކޮށްފައިވަނީ ނިއު އެވެ. ނިއު އިން ވަނީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި މާލޭގައި ބެންގަލޫރާ ކުޅެ 2-0 އިން މޮޅުވެފައެވެ.

އެފްއޭއެމް ހައުސްގައި މިއަދު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބެންގަލޫރުގެ ކޯޗު ކުއަޑްރާޓް ބުނީ ފުޓްބޯޅައިގެ ރޭންކިންގައި ރާއްޖެ އަކީ މާ މަތީގައި އޮތް ކްލަބަކަށް ނުވިޔަސް ދިވެހި ކުޅުންތެރިންގެ ފަރާތުން ފެންނަ ހިތްވަރާއި މަސަތްކަތުގެ ރޭޓަކީ ފާހަގަކޮށްލަން ޖެހޭ ކަންތައް ކަމަށެވެ. އަދި ރާއްޖެ އަކީ އަބަދުވެސް އިންޑިއާއާ ކުޅޭއިރު އިތުރަށް ސަމާލުވާ ބައެއް ކަމަށާއި މިދިޔަ އަހަރުތަކުގައި ބެންގަލޫރު ކޮޅަށް ނަތީޖާ ބުރަވެފައި ހުރި ނަމަވެސް މާދަމާގެ މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށެވެ.

" ފުޓްބޯޅަ ރޭންކިންގައި ރާއްޖެ އަކީ މާ މަތީގައި އޮތް ކްލަބަކަށް ނުވިޔަސް ދިވެހި ކުޅުންތެރިންނަކީ ވަރަށް މަސަތްކަތުގެ ރޭޓު ރަނގަޅު ބައެއް. ހާއްސަކޮށް އިންޑިއާއާ ކުޅޭއިރު. މި ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އެބައޮތް. އެކަމުގެ ސަބަބުން ވެސް މި މެޗު އިތުރަށް ފޯރިގަދަވެގެންދާނެ. ފާއިތުވެދިޔަ އަހަރުތަކުގައި އަހަރެމެން ކޮޅަށް ނަތީޖާ ބުރަވެފައި ހުއްޓަސް އެއީ މި މެޗާ ކުރިމަތިލާއިރު އެޑްވަންޓޭޖެއް ނޫން. މިއީ މުޅިން ތަފާތު ޗެލެންޖެއް، " ކުއަޑްރާޓް ބުންޏެވެ.

މި މެޗަށް ބެންގަލޫރުން ނުކުންނައިރު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ނަމަވެސް ޓީމުގައި އަނިޔާގެ މައްސަލަތަކެއް ކޮންމެވެސް ވަރަކަށް އެބަހުރި ކަމަށް ކުއަޑްރާޓް ފާހަގަކުރިއެވެ. ބެންގަލޫރު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ސުނިލް ޗެތުރީ އަނިޔާގެ ސަބަބުން މާޒިޔާއާ ދެކޮޅަށް މާދަމާ ނުކުޅޭނެ އެވެ.

ބެންގަލޫރުން މި ފަހަރުގެ އޭއެފްސީ ކަޕް ޕްލޭ އޮފުން ފުރުސަތު ހޯދީ ޕްރިލިމިނަރީ ބުރުގައި ބޫޓާނުގެ ޕާރޯ އެފްސީ އަތުން މޮޅުވެގެންނެވެ. ފުރަތަމަ ލެގުގައި ބޫޓާނުގައި ކުޅުނު މެޗު 1-0 އިން ބެންގަލޫރު ކާމިޔާބުކުރި އިރު ދެ ވަނަ ލެގުގައި އެ ޓީމުން ވަނީ 9-1 އިން ޕާރޯ ބަލިކޮށްފަ އެވެ.

މާޒިޔާ އަދި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ.