ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފިއެވެ.

މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު މެޗު އެތްލެޓިކޯ އިން ކާމިޔާބުކުރީ 1-0 އިންނެވެ.

މި މެޗާ ކުރިމަތިލިއިރު އެތްލެޓިކޯ އޮތީ އެހާ ރަނގަޅު ފޯމެއްގައެއް ނޫނެވެ. މީގެ ކުރިން އެޓީމު ކުޅުން ހަތް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ލީގުގައި ވެސް ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެތްލެޓިކޯ ވަނީ ލަލީގާގެ ހަތަރު ވަނަ އަށް ވެއްޓިފައެވެ. އަނެއްކޮޅުން ލިވަޕޫލް މި މެޗާ ކުރިމަތިލިއިރު އެޓީމުން އަންނަނީ އިނގިރޭސި ފުޓްބޯޅައިގެ ގިނަ ރެކޯޑުތަކާއި އަރާ ހަމަކުރަމުންނެވެ. ލީގުގައި އެޓީމުން ބަލިނުވެ 43 މެޗު ހަމަކޮށްފައިވާއިރު ޗެމްޕިއަންސް ލީގުގައި ވެސް މިވަގުތު އެންމެ ވަރުގަދަކޮށް އޮތް ޓީމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ ލިވަޕޫލެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް 90 މިނެޓު ތެރޭ އިދިކޮޅު ގޯލާ އަމާޒުކޮށް ލިވަޕޫލަށް ހަމަލާއެއް ފޮނުވާލެވިފައިނުވެއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 4 ވަނަ މިނެޓުގައި ޖެހީ ސައުލް ނިގުއެޒް އެވެ. އޭގެ ފަހުން ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ހެދުނު ގޯހެއްގައި އެތްލެޓިކޯޑުގެ ލީޑު ފުޅާކުރަން އަލްވާރޯ މޮރާޓާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ކީޕަރު އަލިސަން ބެކާ އެވެ. ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ލިވަޕޫލުން އުފެއްދި ހަމަލާއެއްގައި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު ޖަން އޮބްލަކްގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރޮބާޓޯ ފިރްމީނޯ ހުރީ އޮފްސައިޑްގައި ކަމަށް ބުނެ ރެފްރީ ވަނީ އެ ލަނޑު ބާތިލްކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 8 ވަނަ މިނެޓުގައި ނަތީޖާ އެއްވަރު ކުރުމާއި ގާތަށް ލިވަޕޫލުން ޖެހިލި ނަމަވެސް ސަލާހު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. މި ހާފުގައި ކްލޮޕް ވަނީ ލިވަޕޫލްގެ ފޯވަޑް ލައިންގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ކަމަށްވާ ސާދިއޯ މާނޭގެ ބަދަލުގައި ޑިވޯ އޮރީގީ ކުޅެން އަރުވާފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި ކްލޮޕް މާނޭ ބޭލުވީ ފުރަތަމަ ހާފުގައި އެތްލެޓިކޯގެ ކުޅުންތެރިއަކަށް ކުރި ފައުލެއްގައި ރެފްރީ ދެއްކި ކާޑެއްގެ ސަބަބުން އިތުރު ކާޑަކާއެކު ސަސްޕެންޝެނެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ރޭގެ މެޗަކީ މިސީޒަނުގައި ލިވަޕޫލް ބަލިވި ތިން ފަހަރެވެ. މި ދެޓީމު އެންފީލްޑުގައި ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ. ލިވަޕޫލަށް ދެން ކުރިއަށް އޮތީ ލީގުގައި ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ލަލީގާ މެޗެއްގައި އެތްލެޓިކޯ ދެން އެންމެ އަވަހަށް ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.