ނޯވޭގެ ޒުވާން ފޯވަޑް އާލިންގް ހާލަންޑުގެ ދެ ލަނޑުން ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން ބަލިކޮށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައަކާއި ކައިރިއަށް ޖެހިލައިފިއެވެ.

ޖަރުމަނުގެ ސިގްނަލް އިޑުނާ ޕާކުގައި ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ޑޯޓްމަންޑުންނެވެ. ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި 19 އަހަރުގެ ހާލަންޑު މި ލަނޑު ޖެހީ ރަފައެލް ގުއަރޭރޯގެ ފަރާތުން ތަނަވަސްވި ފުރުސަތެއްގައެވެ. އޭގެ ފަހުން 75 ވަނަ މިނެޓުގައި ކީލިއަން އެމްބާޕެގެ އެހީތެރިކަމާއެކު ނޭމާ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ހާލަންޑު ވަނީ އޭގެ ދެ މިނެޓު ފަހުން ދެވަނަ ލަނޑެއް ޖަހައި ޑޯޓްމަންޑް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށް ވެފައި ވަނިކޮށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރަން ނޭމާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު ހާލަންޑު މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 10 އަށް އަރައިފައެވެ. ބަޔާން މިއުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީއާއެކު މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ވެސް ހާލަންޑު އެވެ. މީގެ އިތުރުން ލެވަންޑޯސްކީގެ 40 ލަނޑުގެ ފަހަތުން ހުރިހާ މުބާރާތެއް އެއްކޮށްލައިގެން މިސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީވެސް ހާލަންޑެވެ. އޭނާ ވަނީ މުޅިއެކު 39 ލަނޑު މިހާތަނަށް ކާމިޔާބުކޮށްފައެވެ. މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އޮސްޓްރިއާގެ ސާލްޒްބާގުން ޖަރުމަނަށް ބަދަލުވި ހާލަންޑު ވަނީ ޑޯޓްމަންޑް ޖާޒީގައި އޭނާ މިހާތަނަށް ކުޅުނު 7 މެޗުގައި 11 ލަނޑު ޖަހައިފައެވެ.

ޑޯޓްމަންޑަށް ދެން ކުރިއަށް އޮތީ ލީގުގައި ވާޑާ ބްރޭމަންއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އަނެއްކޮޅުން ލީގު މެޗެއްގައި ޕީއެސްޖީ ނުކުންނާނީ ބޯޑޯއާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޑޯޓްމަންޑާއި ޕީއެސްޖީ ފްރާންސްގައި ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ.