ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން މުޅި ލާމު އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުތަކާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ސީގެ މެޗުގައި ބައްދަލުކުރީ ހިތަދޫ އެފްސީ އާއި ކްލަބް 2 އެތްލެޓިކްސް އެވެ. މި މެޗު ނިމިގެންދިޔައީ 3-3 އިން ދެޓީމު އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކްލަބް 2 އެތްލެޓިކްސްގެ ޖާޒީ ނަންބަރު 01 މުހައްމަދު ސައުން އެވެ. މި މެޗާ ކުރިމަތިލިއިރު ވެސް މި ދެޓީމަށް ވަނީ މުބާރާތުގެ ކުއާޓާގެ ފުރުސަތު ގެއްލިފައެވެ. މި ގްރޫޕުން ކުއާޓާ އަށް ދަތުރުކުރީ 09 ޕޮއިންޓާއެކު އެއްވަނަ ހޯދި ފްރެގްމެންޓްސްއާއި 6 ޕޮއިންޓާއެކު ދެވަނަ ހޯދި ލާމު ޔޫތު ޑިވެލޮޕްމެންޓް އެވެ. ރޭ އެލް ވައި ޑީއާ އެފްސީ ފްރެގްމެންޓްސް ވާދަކުރި މެޗު 4-2 އިން ކާމިޔާބުކުރީ ފްރެގްމެންޓްސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރެގްމެންޓްސްގެ ޖާޒީ ނަންބަރު 11 މޫސާ ހާނިމްއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ސިކްސް ސެންސަސް ލާމު އާއި ރެޑްބުލް އެފްސީ އެވެ. މި މެޗު ސިކްސް ސެންސަސް ލާމު ކާމިޔާބުކުރީ ފަސޭހަކާއެކު 5-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ސިކްސް ސެންސަސް ލާމުގެ ޖާޒީ ނަންބަރު 11 އަހުމަދު ސޮބާހު އެވެ. ރޭ ވަނީ ގްރޫޕް ޑީގެ އިތުރު މެޗެއްވެސް ކުޅެފައެވެ. އެގޮތުން ކަންމަތި ސްޕޯޓްސް ކްލަބުން ވަނީ ހޭޅި އަތުން 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކަންމަތި ޓީމުގެ ޖާޒީ ނަންބަރު 10 އިސްމާއިލް މަފާޒް އިބްރާހިމް އެވެ. އޭނާ ވަނީ މެޗުގައި ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. މި ނަތީޖާތަކާއެކު މި ގްރޫޕުން ކުއާޓާ އަށް ދަތުރު ކުރީ 09 ޕޮއިންޓާއެކު އެއްވަނަ ހޯދި ސިކްސް ސެންސަސް ލާމު އާއި 06 ޕޮއިންޓާއެކު ދެވަނަ ހޯދި ކަންމަތި ސްޕޯޓްސް ކްލަބެވެ.

ގްރޫޕް އޭ އާއި ގްރޫޕް ބީގެ ހުރިހާ މެޗެއްވެސް ކުޅެ ނިމިފައިވާއިރު ގްރޫޕް އޭ އިން ކުއާޓާ އަށް ދަތުރުކުރީ 09 ޕޮއިންޓާއެކު އެއްވަނަ ހޯދި އައުޓްރީފް ސްޕޯޓްސް ކްލަބާއި 06 ޕޮއިންޓާއެކު ދެވަނަ ހޯދި ލެކްރޮސް ސްޕޯޓްސް ކްލަބެވެ. އަދި ގްރޫޕް ބީ އިން ގަދަ އަށަކުން ފުރުސަތު ހޯދި ދެޓީމަކީ 09 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދި ލާމު ބްލޫސް އާއި 03 ޕޮއިންޓާއެކު ދެވަނަ ހޯދި އައުޓްރީފް އެފްސީއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސިކްސް ސެންސަސް ލާމު އާއި ލެކްރޮސް ސްޕޯޓްސް ކްލަބެވެ. ދެވަނަ މެޗުގައި ލާމު ބްލޫސް ނުކުންނާނީ ލާމު ޔޫތު ޑިވެލޮޕްމެންޓާ ދެކޮޅަށެވެ. ކުއާޓާގެ ތިންވަނަ މެޗުގައި އައުޓްރީފް ސްޕޯޓްސް ކްލަބުން ކަންމަތި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ އެފްސީ ފްރެގްމެންސްޓް އާއި އައުޓްރީފް އެފްސީއެވެ.

ކުއާޓާގެ ފުރަތަމަ ދެ މެޗުން މޮޅުވާ ދެ ޓީމު މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރާއިރު ދެވަނަ ސެމީގައި ބައްދަލުކުރާނީ ކުއާޓާގެ ފަހު ދެ މެޗުން މޮޅުވާ ދެ ޓީމެވެ.

ޖުމްލަ 16 ޓީމާއެކު ފެށި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ވަނަ އަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން މައުލޫމާތުދެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ 15،000 ރުފިޔާގެ އެވެ.