14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކްލަބު ހޯދައިފި އެވެ.

މިފަހަރުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ކުއީންސް އާއި އެލީޓް ސްޕޯޓްސް ކްލަބާއި ބެންޗް ސްޕޯޓްސް ކްލަބު އަދި ލައިނެސް ސްޕޯޓްސްގެ އިތުރުން ޓީރެކްސް ސްޕޯޓްސް އެކަޑަމީ އެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ކުއީންސް އަށް ކަށަވަރުވީ ރޭ އެލީޓްއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވުމުންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުން އަންހެން ބައިގެ ފަހު މެޗުގައި އެލީޓް އަތުން ކުއީންސް މޮޅުވީ 82-45 ޕޮއިންޓުންނެވެ. ކުއީންސް ވަނީ މުބާރާތުގައި އެޓީމުން ކުޅުނު 8 މެޗުން ވެސް މޮޅުވެ މުޅިއެކު 16 ޕޮއިންޓް ހޯދައިފައެވެ. ދެވަނަ ހޯދި އެލީޓަށް 14 ޕޮއިންޓު ލިބުނުއިރު، ތިންވަނައަށް ދިޔަ ބެންޗު ސްޕޯޓްސް ކްލަބަށް ލިބުނީ 12 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޓީރެކްސް އެކެޑަމީ އަށް ލިބުނީ 10 ޕޮއިންޓެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކުއީންސްގެ އައިމިނަތު އިސްރާއު އަބްދުލް ޝުކޫރާއި ފާތިމަތު ޝައިލާން އަފްޒަލް އަދި އައިޝަތު ރީމާގެ އިތުރުން އެލީޓްގެ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި ބެންޗު ސްޕޯޓްސް ކްލަބުގެ ހުސްނާ މުހައްމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުއީންސްގެ ފާތިމަތު ރިޝްމާ އެވެ.

އަންހެން ބައިގެ ކުޅުން ރޭ ނިމުނުއިރު، މިއަދު ކުރިއަށްދާނީ ފިރިހެން ބައިގެ ފަހު މެޗުތަކެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ތިން ވަނައިގައި އޮތް ސްޓިންގާސް ބައްދަލުކުރާނީ ހަތަރެއްގައި އޮތް ރެޑްވިންގްސްއާ އެވެ. އަދި މިރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީރެކްސް ބައްދަލުކުރާނީ ކިންގްސް ބާސްކެޓްބޯލް ކްލަބާއެވެ. ކިންގްސް އަކީ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެލެނިވެރިން

    ސުޕުން ގެސަމާލު ކަން ގެނެއުމައް ، ބާސްކެޓް ގޭމެއް ގެތެރެއިން ގޭމެއް ، ވަރައް ބޮޑައް ރާވައިގެން ކަންތައްކެއް ކުރޭ