ނެޝަނަލް ވިމެންސް ޗެސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ނިހާޔާ އަހުމަދު ހޯދައިފި އެވެ.

ގައުމީ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ނިހާޔާ ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ނިހާޔާ އަށް ތަށި ހަވާލުކުރުން އޮތީ ރޭ ނެޝަނަލް ޗެސް އާކޭޑުގައި އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އެވެ.

މިއަހަރުގެ މުބާރާތުގައި 40 އަށް ވުރެ ގިނަ ފަރާތުން ވަނީ ވާދަކޮށްފައެވެ. ނިޔާހާ ޗެމްޕިއަންކަން ހޯދީ ކުޅުނު 11 މެޗުގެ ތެރެއިން ދިހަ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްގެންނެވެ. ނިހާޔާ ވަނީ މީގެ ކުރިން 2014، 2015، 2017، 2018 އަދި 2019 ވަނަ އަހަރުގެ ގައުމީ ތަށި ކާމިޔާބުކޮށްފައެވެ. އަންހެން ބައިގެ ދެ ވަނަ ހޯދީ 15 އަހަރުގެ މަރްޔަމް ލައިސާ އަބްދުއްރަޝީދު އެވެ. ތިން ވަނަ ލިބުނީ 14 އަހަރުގެ އައިޝަތު އަލްޔާ މުހައްމަދު ޝަރީފަށެވެ.

ގައުމީ ޗެސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ނިހާޔާ ހޯދުމުން ބައިނަލްއަގުވާމީ ޗެސް ފެޑެރޭޝަނުން ބާއްވާ ވޯލްޑް ޗެސް އޮލިމްޕެއިޑް 2020 ގައި ނިހާޔާ ވާދަކުރާނެއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހު ރަޝިޔާގައެވެ. ބައިނަލްއަގްވާމީ ލެވެލްގައި ރާއްޖެ ތަމްސީލުކޮށް ނިހާޔާ ވަނީ 2014 ވަނަ އަހަރު ލަންކާގައި ބޭއްވި އޭޝިއަން ސީނިއާ އެންޑް އެމެޗުއާ ޗެސް ޗެމްޕިއަންޝިޕްގެ ދެ ވަނަ ހޯދައިފަ އެވެ.

ހަ ވަނަ ފަހަރަށް ޗެމްޕިއަންކަން ލިބުމުން ނިޔާހާ ކުރި ޓްވީޓެއްގައި ބުނީ ހަވަނަ ފަހަރަށް ގައުމީ ތަށި ކާމިޔާބުކުރެވުނީ މިކަމުގައި އޭނާ އަށް އެހީތެރިވާ ފަރާތްތަކުގެ މަސައްކަތުން ކަމަށާއި އެފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.