ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އިން ހޯދައިފި އެވެ.

ވެލެންސިއާ އިން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ފަހަތުން އަރައި ސުޕަ ޔުނައިޓެޑުގެ މައްޗަށް 3-1 އިން ކުރިހޯދައިގެންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޖަހައި ލީޑު ނެގީ ސުޕަ ޔުނައިޓެޑުންނެވެ. އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް (ކިތުނާ) އެވެ. މިއީ މި މުބާރާތުގައި ކިތުނާ ޖެހި ހަތް ވަނަ ގޯލެވެ.

ވެލެންސިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. އޭރިއާ އަރިމަތިންހެން ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ނަގައިދިން ހުރަހެއްގައި ބޮލުން މި ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ސަމުއެލް ޑެޑީ އެވެ. ވެލެންސިއާ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ދެ ވަނަ ހާފު ފެށިގެން ހަވަނަ ވަނަ މިނެޓުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖަހައިދިން ގޯލުންނެވެ. ބިޗަޑް މި ގޯލު ޖެހީ ސުޕަ ޔުނައިޓެޑުގެ ގޯލްކީޕަރު އަބްދުﷲ ނާސިހު ކައިރިން ނައްޓާލުމަށްފަހު ފަސޭހަކަމާއެކު ހުސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

މިފަހަރުގެ މުބާރާތުގައި ވެލެންސިއާގެ ޖާޒީގައި މޮޅަށް ކުޅުނު ބިޗަޑްގެ އެހީތެރިކަމާއެކު ވެލެންސިއާގެ ތިން ވަނަ ގޯލު ޖެހީ ސަމުއެލް އެވެ. ސަމުއެލް މި ގޯލު ކާމިޔާބުކުރީ ބިޗަޑް ޖައްސާލި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. ސަމުއެލް ވަނީ މުބާރާތުގައި ހަތް ގޯލު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ސެމީ ފައިނަލުގައި ޖޭޖޭ ސްޕޯޓްސް އަތުން ވެލެންސިއާ މޮޅުވި މެޗުގައިވެސް ދެ ލަނޑު ޖަހައިފައެވެ.

މިފަހަރުގެ ދެވަނަ ޑިވިޝަން ފައިނަލްގައި ވާދަކުރި ދެ ޓީމަށް ވެސް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ވަނީ ފުރުސަތު ލިބިފަ އެވެ. ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑްވެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުންނެވެ. ނިއު އާއި ވިކްޓްރީ ސަސްޕެންޝަނުގައި އޮތުމުން މިއަހަރުގެ ފުރަތަމަ ޑިވިޝަންގެ ކޮލިފައިން ބުރެއް ނޯންނާނެ އެވެ. ކުރިން ގަވާއިދުގައި އޮތީ ދިރާގު ދިވެހި ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅެގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާ ގޮތަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުން ޖާގަ މި ހޯދީ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2018 ވަނަ އަހަރުގެ މާލޭ ލީގުގެ އެންމެ ފުލަށް ގޮސް ރެލިގޭޝަން ޕްލޭއޮފްގައި ކުޅެގެން ވެސް ބަލިވުމުންނެވެ.

މިފަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސުޕަ ޔުނައިޓެޑުގެ ޖާޒީ ނަންބަރު 26 އާދަމް ނާޒިމް އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ވެލެންސިއާގެ މުހައްމަދު ޖަޒްލާން އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޕޯޓަރު

    މަރުހަބާ. ޢެންމެ ލޯބިވާ ޓީމް އދިވެސް.

  2. ޙަސަނު

    އަލްޙަމްދުލިﷲ ! ވެލެންސިއާ ހޯޕް ހޯޕް !

  3. ޒަކީ

    މާއުގެ ހިތްވަރުން އިރާދަކުރައްވަިގެން މޮޅު ވީ