ސްޕޯޓްސް ކްލަބް ޕަޑާބޯންގެ މައްޗަށް ހޯދި މޮޅާއެކު ޗެމްޕިއަން ބަޔާން މިއުނިކް އިން ޖަރުމަން ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބުންޑެސްލީގާގައި ރޭ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް ޕަޑާބޯން އަތުން ބަޔާން މޮޅުވީ 3-2 އިންނެވެ. މި ނަތީޖާއާއެކު ބަޔާނުން ވަނީ 23 މެޗުން 49 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނަައިގައި އޮތް ލީޕްޒިގަށް ލިބިފައިވަނީ 22 މެޗުން 45 ޕޮއިންޓެވެ. ލީގުގައި މިރޭ ޝާލްކޭއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ބަޔާނާ ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު ލީޕްޒިގަށް އޮންނާނެއެވެ. ބުންޑެސްލީގާ ތާވަލުގެ ތިންވަނައިގައި އޮތީ 42 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑެވެ. ހަތަރުވަނައިގައި އޮތީ 40 ޕޮއިންޓާއެކު ބަޔާ ލެވަކޫސަން އެވެ.

އަލަޔާންޒް އެރީނާގައި ރޭ ބަޔާނާއި ޕަޑާބޯން ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ބަޔާނުންނެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކޮރެންޓިން ޓޮލީސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް ސާޖް ގްނަބްރީ އެވެ. ޕަޑާބޯން އިން ނަތީޖާ އެއްވަރު ކުރީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޑެނިސް ސްބެނީ ޖެހި ލަނޑުންނެވެ. މި ހާފުގައި ބަޔާނަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ސްޓްރައިކަރު ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ތިން ހަމަލާއެއް ކީޕަރު މަތަކުރިއިރު ހާފު ނިމެން ކައިރިވެފައި ވަނިކޮށް ގްނަބްރީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ލެވަންޑޯސްކީ ޖެހި ލަނޑަކުން ބަޔާނުން އަނެއްކާވެސް ލީޑު ނެގިއެވެ. ޕަޑަބޯން އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރީ 75 ވަނަ މިނެޓުގައި ސްވެން މިކެލް ކާމިޔާބުކުރި ލަނޑުންނެވެ. ބަޔާނަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޖެހީ ލެވަންޑޯސްކީ އެވެ. ރޭގެ ދެ ލަނޑާއެކު ޕޮލަންޑު ސްޓްރައިކަރު މިސީޒަނުގައި ޖެހި ލީގު ލަނޑުގެ އަދަދު ވަނީ 25 އަށް އަރައިފައެވެ.

ބަޔާނަށް ދެން ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އިންގްލަންޑުގެ ޗެލްސީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ސްޓަމްފޯޑް ބްރިޖްގައެވެ.