ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން މުޅި ލާމު އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުން އެފްސީ ފްރެގްމެންޓްސް، އައުޓްރީފް ސްޕޯޓްސް ކްލަބް، ލެކްރޮސް ސްޕޯޓްސް ކްލަބް އަދި ލާމު ބްލޫސް ފުރުސަތު ހޯދައިފިއެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ލެކްރޮސް ސްޕޯޓްސް ކްލަބާއި ސިކްސް ސެންސަސް ލާމު އެވެ. މި މެޗު ލެކްރޮސް އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ލެކްރޮސްގެ ޖާޒީ ނަންބަރު 09 އަލީ ހާފިޒް (ހާއްޕެ) އެވެ.

ކުއާޓާގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ލާމު ޔޫތު ޑިވެލޮޕްމެންޓް (އެލް ވައި ޑީ) އާއި ވާދަކޮށް ލާމު ބްލޫސް އިން ކުރިހޯދީ ވާދަވެރި ކުޅުމަކަށްފަހު 4-2 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ލާމު ބްލޫސްގެ ޖާޒީ ނަންބަރު 07 އަލީ ޝިފާއު (ރޮނާ) އެވެ. ކުއާޓާގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އައުޓްރީފް ސްޕޯޓްސް ކްލަބާއި ކަންމަތި ސްޕޯޓްސް ކްލަބެވެ. މި މެޗު އައުޓްރީފުން ކާމިޔާބުކުރީ 8-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އައުޓްރީފްގެ ޖާޒީ ނަންބަރު 10 އަޔާޒް އަހުމަދު (އަޔާ) އެވެ. ކުއާޓާގެ ފަހު މެޗުގައި އައުޓްރީފް އެފްސީއާ ވާދަކޮށް ފްރެގްމެންޓުން މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވިއިރު ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ފްރެގްމެންޓުން ކުރިހޯދީ 4-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ފްރެގްމެންޓުގެ ޖާޒީ ނަންބަރު 21 އަލީ ޝިމާއު އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭއިރު ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލެކްރޮސް ސްޕޯޓްސް ކްލަބާއި ލާމު ބްލޫސް އެވެ. މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ އައުޓްރީފް ސްޕޯޓްސް ކްލަބާއި އެފްސީ ފްރެގްމެންޓްސް އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.

ޖުމްލަ 16 ޓީމާއެކު ފެށި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ވަނަ އަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން މައުލޫމާތުދެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ 15،000 ރުފިޔާގެ އެވެ.