އޭއެފްސީ ކަޕުގެ ޕްލޭ އޮފް ބުރުގެ ދެވަނަ ލެގުގައި ބެންގަލޫރު ފުޓްބޯޅަ ކްލަބާ ވާދަކުރުމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އިންޑިއާ އަށް ފުރައިފި އެވެ.

އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. މި މެޗު ކުޅޭނީ ބެންގަލޫރުގެ ސްރީ ކަންޓްރިވާ ސްޓޭޑިއަމްގައެވެ. މާޒިޔާ އިން ޕްލޭއޮފުގެ ޖާގަ ހޯދީ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ދެޓީމު ވާދަކުރި ދެ މެޗު އެއްވަރުވި ނަމަވެސް، ލަނޑުގެ ތަފާތުން ކުރި ލިބުނީ މާޒިޔާ އަށެވެ. އަނެއްކޮޅުން ބެންގަލޫރު ޕްލޭއޮފަށް ކޮލިފައިވީ ބޫޓާނުގެ ޕާރޯ އެފްސީ އަތުން ދެ ލެގުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 1-0 އިން މޮޅުވިއިރު ދެ ވަނަ ލެގުގައި ބެންގަލޫރު މޮޅުވީ 9-1 އިންނެވެ.

ޕްލޭ އޮފް ބުރުގައި މާޒިޔާ އާއި ބެންގަލޫރު މާލޭގައި ކުޅުނު ފުރަތަމަ ލެގު މެޗު 2-1 އިން ކާމިޔާބުކުރީ މާޒިޔާ އެވެ. މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ ފުރުސަތު މާޒިޔާ އަށް ވަނީ ވަރަށް ބޮޑުވެފައެވެ. މިއީ ބެންގަލޫރު އަތުން ރާއްޖޭގެ ޓީމެއް މޮޅުވި ދެ ވަނަ ފަަހަރެވެ. މީގެ ކުރިން ރާއްޖޭގެ ޓީމުތަކުން ބެންގަލޫރާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު އަތުން މޮޅުވީ ނިއު ރޭޑިއަންޓެވެ. ނިއު އިން ވަނީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި މާލޭގައި ބެންގަލޫރާ ވާދަކޮށް 2-0 އިން މޮޅުވެފައެވެ. މާޒިޔާއާ ބެންގަލޫރު ވަނީ މީގެ ކުރިން 2015 އާއި 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފައެވެ. އެ ހަތަރު ފަހަރު ވެސް ކުރިހޯދައިފައިވަނީ އިންޑިއާގެ ޓީމުންނެވެ.

ޕްލޭއޮފުން މޮޅުވާ ޓީމަކަށް ލިބޭނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕުގެ ފަހު ޖާގަ އެވެ. އެ ގްރޫޕުގައި މި ވަގުތު އޮތީ 2018 ވަަނަ އަހަރުގެ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.