ކެޕްޓަން ލިއޮނެލް މެސީގެ ހަތަރު ގޯލާއެކު ބާސެލޯނާ އިން އެއިބާ ބަލިކޮށް ސްޕެނިޝް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ބާސާ އިން މިރޭ އެއިބާ ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސާ އަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 24 މެޗުން 53 ޕޮއިންޓެވެ. ލަލީގާގައި މާދަމޭ ރޭ ރަށުން ބޭރުގައި ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އަލުން އެއްވަނަ އަށް ޖެހިލުމުގެ ފުރުސަތު ރެއާލް އަށް އޮންނާނެއެވެ.

ކޭމްޕް ނައުގައި މިރޭ އެއިބާ ކޮޅަށް ބާސާ އިން ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ކާމިޔާބުކުރީ މެސީ އެވެ. މެސީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ޖެހީ އީވާން ރަކިޓިޗް ޖައްސާލި ބޯޅައެއްގައި އެއިބާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. މެސީގެ 15 ވަނަ ލީގު ގޯލުގެ ކުރިން މެޗުގެ ފަސް ވަނަ މިނެޓުގައި އެއިބާގެ ފޯވަޑް ސާޖީ އެންރިކް ޓާސްޓެގަންގެ ގޯލު ފޫއަޅުވާލި ނަމަވެސް ރެފްރީ އެ ލަނޑު ބާތިލް ކުރީ އޮފްސައިޑް ކަމަށް ބުނެ އެވެ.

މިރޭގެ މެޗުގައި މެސީ ކާމިޔާބުކުރި ދެވަނަ ގޯލު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މެސީ މިފަހަރު އެއިބާގެ ގޯލު ފޫއަޅުވާލީ އަރްޓޫރޯ ވިޑާލް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މެސީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ އޭގެ ތިން މިނެޓު ފަހުންނެވެ.

ބާސެލޯނާ އިން ދެވަނަ ހާފު ފެށީ ވަރުގަދަ ކޮށެވެ. މި ހާފުގެ ފުރަތަމަ ފަސް މިނެޓު ތެރޭ ގޯލު ޖަހަން އެޓީމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެސީ ދިން ހިތްގައިމު ބޯޅައެއްގައި ނެލްސަން ސެމެޑޯ ތިިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. އޭގެ ފަހުން ގްރީޒްމަން ނަގައިދިން ހުރަހެއްގައި ރަކިޓިޗް ފޮނުވާލި ހަމަލާ ކީޕަރު ޑިމިޓްރޯވް ވަނީ މަތަކޮށްފައެވެ.

މި ހާފުގެ ފުރަތަމަ 15 މިނެޓަށް ފަހު އެއިބާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ބާސާގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބެލިއެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެއިބާ އަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ ފުލް ބެކް ކޯޓޭ ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ޓާސްޓެގަންގެ ހުޝިޔާރުކަމުންނެވެ. އޭގެ ފަހުން 67 ވަނަ މިނެޓުގައި އެއިބާ އަށް ލިބުނު އިތުރު ފުރުސަތެއްގައި ޕަބްލޯ ޑެ ބްލަސިސް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެސް ޓާސްޓެގަން އެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ބާސާ އިން އުފެއްދި ހަމަލާއެއްގައި ވިޑާލް އެއިބާގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ބުނެ އެ ލަނޑު ބާތިލްކޮށްފައެވެ. ބާސާގެ ހަތަރު ވަނަ ގޯލު މެސީ ކާމިޔާބުކުރީ 87 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރަތްވެއިޓް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޭގެ ދެ މިނެޓު ފަހުން ބާސާގެ ފަސް ވަނަ ގޯލު ކާމިޔާބުކުރީ އަރްތުރް އެވެ.

ބާސާ އަށް ދެން ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާމިން

    އިރާދަ ކުރެންވިއްޔާ ރޮނާލް ޑޯގެ ހުވަފެންތައް ހާސިލްކުރާނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މެސީ. 07 ބެލެން ޑިއޯ ޓުރޮފީއާއި 07 ކުދިން. އިންޝާﷲ

    7
    1