ފޮނަދޫ މެދުޗއަވަށު ސްޕޯޓްސް ކްލަބް އިން މުޅި ލ. އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް އައުޓްރީފް ސްޕޯޓްސް ކްލަބާއި ލެކްރޮސް ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ލެކްރޮސް ސްޕޯޓްސް ކްލަބާއި ލާމު ބްލޫސްއެވެ. ލެކްރޮސް ސެމީ އިން ޖާގަ ހޯދީ ކުއާޓާގައި ސިކްސް ސެންސަސް ލާމު ބަލިކޮށްގެންނެވެ. އަނެއްކޮޅުން ލާމު ބްލޫސް ސެމީ އަށް ދަތުރު ކުރީ ކުއާޓާގައި ލާމު ޔޫތު ޑިވެލޮޕްމެންޓް ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމަކަށްފަހު ރޭގެ ސެމީ ފައިނަލް މެޗު ލެކްރޮސް އިން ކާމިޔާބުކުރީ 3-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ލެކްރޮސްގެ ޖާޒީ ނަންބަރު 9 އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ސެމީގެ ދެވަނަ މެޗުގައި ރޭ އައުޓްރީފް ސްޕޯޓްސް ކްލަބުން އެފްސީ ފްރެގްމެންޓްސް ބަލިކުރީ 7-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އައުޓްރީފްގެ ޖާޒީ ނަންބަރު 10 އަޔާޒް އަހުމަދު (އަޔާ) އެވެ. އަޔާ ވަނީ މި މެޗުގައި 4 ލަނޑު ކާމިޔާބުކޮށްފައެވެ. އައުޓްރީފުން ގަދަ ހަތަރެއްގެ ފުރުސަތު ހޯދީ ކުއާޓާގައި ކަންމަތި ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި ފްރެގްމެންޓްސް ސެމީ އަށް ދިޔައީ ޕެނަލްޓީ ޖަހައިގެން އައުޓްރީފް އެފްސީ ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ ފައިނަލުގައި އައުޓްރީފް އަދި ލެކްރޮސް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގަ އެވެ.

ޖުމްލަ 16 ޓީމާއެކު ފެށި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ވަނަ އަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކްލަބުން ބުންޏެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ 15،000 ރުފިޔާ އެވެ.