ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން އަލުން ލަލީގާ ތާވަލުގެ އެއްވަނައަށް އަރަން ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ.

ރެއާލް މެޑްރިޑް އެއްވަނަ އަށް ޖެހިލުމަށް ލިބުނު ފުރުސަތު ގެއްލުނީ ލީގުގައި ރޭ އެ ޓީމުން ރަށުން ބޭރުގައި ތާވަލުގެ 13 ވަނައިގައި އޮތް ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުން 0-1 އިން ބަލިވުމުންނެވެ. ރެއާލް ދެވަނަ އަށް ވެއްޓުނީ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ އިން އެއިބާ ބަލިކުރުމުންނެވެ. ބާސާ އެއްވަނަ އަށް ޖެހިލީ 25 މެޗުން ހޯދި 55 ޕޮއިންޓާއެކު އެވެ. ރެއާލް ދެވަނައިގައި އޮތީ 25 މެޗުން ލިބުނު 53 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި 42 ޕޮއިންޓާއެކު ގެޓާފޭ އޮތްއިރު ހަތަރުވަނައިގައި އޮތީ 40 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑްއެވެ.

ރެއާލް އަށް ދެން ކުރިއަށް އޮތީ މުހިއްމު ދެ މެޗެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުމަށްފަހު ސްޕެނިޝް ލީގުގައި ދެން އެންމެ އަވަހަށް އެޓީމުން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

ރޭ ރެއާލް އާއި ލެވަންޓޭ ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލެވަންޓޭ އިން ޖެހީ މެޗު ނިމެން 11 މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހޯސޭ ލުއިސް މޮރަލެސްއެވެ. މިއީ މި ސީޒަންގައި މޮރަލެސް ލެވަންޓޭ އަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.

މެޗުގައި ލެވަންޓޭގެ ގޯލު ފޫއަޅުވާލަން ރެއާލް އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އިސްކޯ އާއި ކަރިމް ބެންޒެމާ އިދިކޮޅު ގޯލާ އަމާޒުކޮށް ފޮނުވާލި ދެ ހަމަލާއެއް އެޓީމުގެ ގޯލްކީޕަރު އެއިޓޯ ފެނާންޑެސް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެޗު ނިމެން ކައިރިވެފައި ވަނިކޮށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ލެވަންޓޭގެ ގޯލާ އަމާޒުކޮށް ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ކީޕަރު ފެނާންޑެސްއެވެ.

ރޭގެ މެޗުގައި އަނިޔާވުމުގެ ސަބަބުން ދެވަނަ ހާފުގެ 67 ވަނަ މިނެޓްގައި ރެއާލްގެ ފޯވަޑް އެޑެން ހަޒާޑް ވަނީ ބަދަލުކޮށްފައެވެ. މިއާއެކު ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ހަޒާޑް ކުޅޭނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.