މިހާރު ޔޫގެންޑާގައި ކުރިއަށްދާ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ކަމަށްވާ ޔޫގެންޑާ އިންޓަނޭޝަނަލް 2020 ގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާ ލޯ މެޑަލް ހޯދައިފިއެވެ.

ދުނިޔޭގެ ބެޑްމިންޑަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަމް (ބީޑަބްލިއުއެފް) ގެ ރުހުން ލިބިގެން ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލުގައި ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ އިންޑިއާގެ ކޯނާ ތަރުން އާއި ޖައްކަމްޕޫޑީ މޭގްނާގެ ޕެއާ އަތުން ބަލިވެފައެވެ. އެހެންކަމުން ޒަޔާން އާއި ނަބާހާ އަށް ވަނީ މި މުބާރާތުން ލޯ މެޑަލް ލިބިފައެވެ. މިކްސް ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ ޗެމްޕިއަނުން ޖާގަ ހޯދީ ކުއާޓާ ފައިނަލް މެޗްގައި ކެންޔާގެ މިކްސް ޑަބަލްސް އެއް ނަންބަރު ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުއެވެ.

މި މުބާރާތުގެ ސިންގަލްސް ބައިގައި ވެސް މި ތިން ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. ސިންގަލްސް ކެޓެގަރީން މާ އެދެވޭ ކާމިޔާބީއެއް ނުލިބުނު ކަމުގައިވިޔަސް ޑަބަލްސް ބައިން ނަބާހާ އަދި ނަބީހާގެ ޕެއާ ވަނީ ފުރަތަމަ ބުރުގެ މެޗް ކާމިޔާބުކޮށް ކުއާޓާ ފައިނަލާއި ހަމައަށް ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލް މެޗްގައި ރާއްޖޭގެ ޕެއާ ބަލިވީ ޕާކިސްތާނުގެ އެއް ނަންބަރު ޕެއާ އާ ވާދަކޮށްގެންނެވެ.

ޔޫގެންޑާ މުބާރާތުން ޒަޔާން އާއި ނަބާހާ ލޯ މެޑަލް ހޯދިއިރު، މި ޕެއާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްއިން ރަން މެޑަލް ހޯދާފައެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލް އެވެ. މީގެ އިތުރުން ވެސް ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކުގައްޔާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޒަޔާން އާއި ނަބާހާ އަންނަނީ ފަހަކަށް އައިސް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    ހިއްވަރާއެކު މަސައްކަތްކުރޭ ކާ މިޔާބަކީ އެކިފަހަރު އެކިގޮތަށްލިބޭއެއްޗެއް ގަދައަޅާކުރިއަށްދިއު މުގެއަޒު މާ އެކުހިއްވަރުކުރާށެވެ. އިންޝާﷲ ކާ މިޔާބުވާނެއެވެ. ފާގަތިދުވަސްތަކެއް މިންވަރުކުރައްވާށި! އާ މީން