ވެޓްފޯޓް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރެމިއާ ލީގް ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑުން މިރޭ ތާވަލުގެ 19 ވަނައިގައި އޮތް ވެޓްފޯޑް ބަލިކުރީ 3-0 އިންނެވެ. މި މޮޅާއެކު ޔުނައިޓެޑު ފަސް ވަނައަށް ޖެހިލީ 27 މެޗުން 41 ޕޮއިންޓް ހަމަކޮށްގެންނެވެ. 40 ޕޮއިންޓާއެކު ކުރިން ފަސް ވަނައިގައި އޮތް ޓޮޓެންހަމް ވަނީ ހަ ވަނަ އަށް ވެއްޓިފައެވެ. ވެޓްފޯޑް ފަހަތުން ދެވަނައިގައި އޮތީ 27 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 50 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 57 ޕޮއިންޓް ލިބިފަ އެވެ. 76 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ލީގު ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާ ލިވަޕޫލެވެ.

އޯލްޑް ޓްރަފޯޑުގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ވެޓްފޯޑުން ވަނީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތްކޮށްފައެވެ. އެގޮތުން ޖެރާޑް ޑެއުލެފޫ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއްގައި ޑޯކޯރޭ ފޮނުވާލި ހަމަލާ ގޯލު އަރިމަތިން ބޭރަށްދިޔަ އިރު ޓްރޯއި ޑީނޭ އަށް ލިބުނު ފުރުސަތުގައި އޭނާ އަށް ބޯޅަ ގޯލަށް ފޮނުވާލެވުމުގެ ކުރިން ޔުނައިޓެޑުގެ ޑިފެންޑަރު ލޫކް ޝޯ ވަނީ އެ ބޯޅަ ބްލޮކް ކޮށްފައެވެ. ފުރަތަމަ ދިހަ މިނެޓަށްފަހު މެޗުގެ ކޮންޓްރޯލް ޔުނައިޓެޑަށް ލިބުނު ހިސާބުން އެޓީމުން ދިޔައީ އިދިކޮޅު ޑިފެންސަށް ބާރު ބޮޑު ކުރަމުންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޑިފެންޑަރު އެއަރޮން ވަން ބިސާކާ އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވެ ބޭރަށްދިޔަ އިރު އޭގެ ފަހުން ޒުވާން ފޯވަޑް ޑެނިއެލް ޖޭމްސް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ކީޕަރު ބެން ފޮސްޓާ އެވެ.

ވެޓްފޯޑް ކޮޅަށް ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ނިމިގެންދިޔަ ޖެނުއަރީ މަހު އެޓީމަށް 47 މިލިއަން ޕައުންޑަށް ބަދަލުވި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ކީޕަރު ފޮސްޓާ ބްރޫނޯ އަށް ކުރި ފައުލަކަށް ރެފްރީ ޔުނައިޓެޑަށް ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ޓްރޯއި ޑީނޭ ޔުނައިޓެޑުގެ ކީޕަރު ޑެހެއާގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް އެ ހަމަލާގެ ތެރެއިން ވެޓްފޯޑުގެ ކްރެގް ޑޯސަންގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ ވަނީ އެ ލަނޑު ބާތިލްކޮށްފައެވެ. ޔުނައިޓެޑުން ލީޑު ފުޅާކުރީ އޭގެ ހަ މިނެޓު ފަހުން ބްރޫނޯގެ އެހީތެރިކަމާއެކު އެންތޮނީ މާޝަލް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ފްރާންސް ފޯވަޑް މިސީޒަނުގައި ކާމިޔާބުކުރި 10 ވަނަ ލީގު ގޯލެވެ.

ޔުނައިޓެޑުގެ ތިންވަނަ ގޯލު 75 ވަނަ މިނެޓުގައި ބްރޫނޯ ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި ޖެހީ މޭސަން ގްރީންވުޑް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑުން ހަތަރު ވަނަ ގޯލެއް ޖެހުމާއި ގާތަށް ދިޔައެވެ. މާޝަލްގެ ބަދަލުގައި ކުޅެން އެރި ނައިޖީރިއާގެ ފޯވަޑް އޮޑިއޮން އިގްހާލޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިއީ ކުރީގެ ވެޓްފޯޑު ކުޅުންތެރިއާ ޔުނައިޓެޑާ ގުޅުނުފަހުން އޯލްޑް ޓްރަފޯޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެންޗެސްޓާ ޔުނައިޓެެޑަށް ދެން ކުރިއަށް އޮތީ ޔުރޮޕާ ލީގުގައި ކްލަބް ބްރޫޖާ ދެކޮޅަށް އޯލްޑް ޓްރަފޯޑުގައި ކުޅެން އޮތް މެޗެވެ. އަނެއްކޮޅުން ލީގު މެޗެއްގައި ވެޓްފޯޑް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.