ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން މުޅި ލ. އަތޮޅަށް އަމާޒުކޮށްގެން ބޭއްވި ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ލެކްރޮސް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ލެކްރޮސް ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި އައުޓްރީފް ސްޕޯޓްސް ކްލަބުގެ މައްޗަށް 2-1 އިން ކުރިހޯދައިގެންނެވެ. މި ދެ ޓީމުގައި ވެސް ފުޓްސަލްގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭތީ މިރޭގެ މެޗު ފޯރިގަދަވެގެންދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.

މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ މިނެޓުން ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހަމަލާ ފޮނުވާލީ ލެކްރޮސް އިންނެވެ. މެށު ފަށައިގެން 35 ވަނަ ސިކުންތުގައި އައުޓްރީފްގެ ފަހަތުން އެޓީމުގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ފޮނުވާލި ހަމަލާ ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރުގެ ހުޝިޔާރުކަމުންނެވެ. އޭގެ ފަހުން ވެސް ލެކްރޮސް އިން ދިޔައީ އައުޓްރީފްގެ ގޯލު ފޫއަޅުވާލެވޭތޯ މަސަތްކަތް ކުރަމުންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ހާއްޕެ އިދިކޮޅު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޝާއްޕެ އަށް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ އަށް ބޯޅަ ފޮނުވާލެވުމުގެ ކުރިން އައުޓްރީފްގެ ކުޅުންތެރިއަކު ވަނީ އެ ބޯޅަ ބްލޮކްކޮށް ބޭރުކޮށްފައެވެ.

މެޗުގައި އައުޓްރީފުން ފޮނުވާލި ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ 13 ވަނަ މިނެޓުގައެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިފައިވާ އަޔާ ލެކްރޮސްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލި ބާރު ބޯޅަ ކީޕަރު އިސްމާއިލް ފާތިހު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ލެކްރޮސް އިންނެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އޮންލީ އެވެ. އޮންލީ މި ލަނޑު ކާމިޔާބުކުރީ އަރިމަތިން ހާއްޕެ ދިން ބޯޅައެއްގައި ތިރިތިރިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ އެއްވަރު ކުރަން އައުޓްރީފަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ލެކްރޮސްގެ ދެ ކުޅުންތެރިން ކައިިރިން ނައްޓާލުމަށްފަހު ގޯލު ކުރިމަތިން އަޔާ އެޓީމުގެ އިބްރާހިމް އަސްވަދް (ގަބޭ) އަށް ޖައްސާލި ބޯޅަ އޭނާ އަށް ރަނގަޅަށް ލިބޭ ގޮތެއްނުވިއެވެ. އެއިރު ގަބޭ ހުރީ ގޯލު ކުރިމަތީ މުޅިން ހުސްކޮށެވެ.

މެޗުގެ ދެވަނަ ހާފު ފަށަިއގެން ފުރަތަމަ މިނެޓުގައި ލީޑު ފުޅާކުރަން ލެކްރޮސް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް ހާއްޕެ ފޮނުވާލި ބާރު ބޯޅަ ކީޕަރު ވަނީ މަތަކޮށްފައެވެ. ލެކްރޮސް އިން އެޓީމުގެ ލީޑު ދެ ލަނޑަށް ފުޅާކުރީ މެޗުގެ 25 ވަނަ މިނެޓުގައެވެ. އައުޓްރީފުގެ ހަމަލާއެއް ހުއްޓުވައި އޮންލީ އުފެއްދި ކައުންޓާ ހަމަލާއެއްގައި ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން މި ލަނޑު ލެކްރޮސް އަށް ކާމިޔާބުކޮށްދިނީ ޝާއްޕެ އެވެ. އޭގެ އިރުކޮޅެއް ފަހުން ލެކްރޮސް އިން ތިންވަނަ ގޯލެއް ޖެހުމާއި ގާތަށް ދިޔައެވެ. އަޔާ އަތުން ބޯޅަ ހޯދައި ހާއްޕެ ކުރިއަށްގޮސް ދިން ޕާހެއްގައި ޝާއްޕެ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގައި އައުޓްރީފުން ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހުޒައިފަތު ރަޝީދު އެވެ. މެދުތެރެއިން ލެކްރޮސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އަޔާ ގޯލަށް ފޮނުވާލި ބާރު ބޯޅަ ބޭރުވާން ދަނިކޮށް ހުޒައިފަތު ވަނީ އެއް ފަހަރުން ޖަހައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ލެކްރޮސް އިން އައުޓްރީފް ގޯލަށް ކައިރި ކައިރީގައި ތިން ހަމަލާ އެއް ފޮނުވާލި ނަމަވެސް ހުރިހާ ބޯޅައެއްގެ ހުރަހަކަށްވީ ކީޕަރެވެ.

މިރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އޮންލީ އެވެ. އޮންލީ ވަނީ މުބާރާތުގެ " ކިންގް އޮފް ދަ ޓޯނަމެންޓް " ގެ މަގާމް ވެސް ހޯދައިފަ އެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ފިލޮސް އެފްސީގެ މުހައްމަދު އަކްމަލް އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ފްރެގްމެންޓްސް އެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ އައުޓްރީފްގެ އަޔާ އާއި އިބްރާހިމް މުބީން (މުއްކި) ގެ އިތުރުން ލެކްރޮސްގެ ހާއްޕެ، އޮންލީ އަދި ޝާއްޕެ އެވެ.

ޖުމްލަ 16 ޓީމާއެކު ފެށި މި މުބާރާތުގެ ޗެންޕިއަންކަން ހޯދި ލެކްރޮސް އަށް ފައިސާގެ އިނާމުގެ ގޮތުގައި ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ވަނީ ދީފައެވެ. ދެވަނަ އަށް ދިޔަ އައުޓްރީފް އެސްސީ އަށް ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.