ތައިލެންޑުގައި މިހާރު ކުރިއަށްދާ ޗޮމްބޫރީ ޕީއޭއޯ އޯޕަން 2020 ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ބައިގެ ފައިނަލުން ރާއްޖޭގެ ޒުވާން ކުޅުންތެރިއާ ފާތިމަތު ދީމާ އަލީ ފުރުސަތު ހޯދައިފިއެވެ.

ދީމާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް މެޗުގައި ތައިލެންޑުގެ ދެ ވަނަ އަށް ރޭންކު ކޮށްފައިވާ ކުޅުންތެރިޔާގެ މައްޗަށް ފަހަތުން އަރައި 3-2 އިން މޮޅުވެގެންނެވެ. މިއަދު ހެނދުނު ކުޅުނު ސެމީގެ މެޗުގެ ފުރަތަމަ ދެ ސެޓު ތައިލެންޑް ކުޅުންތެރިއާ ގެންދިޔައީ 14-12 އަދި 12-10 އިންނެވެ. ފުރަތަމަ ދެ ސެޓު ގެއްލުނު ނަމަވެސް ދީމާ ވަނީ ޖެހިގެން އައި ތިން ސެޓުގައި މޮޅު ކުޅުމެއް ދައްކައި 08-11، 06-11 އަދި 09-11 އިން ސެޓުތައް ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ދީމާ ނުކުންނާނީ ތައިލެންޑުގެ 15 އަހަރުން ދަށުން އެއް ވަނަ އަށް ރޭންކުކޮށްފައިވާ ކުޅުންތެރިޔާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

15 އަހަރުން ދަށުގެ ބައިން ސެމީ ފައިނަލަށް ދީމާ ދަތުރުކުރީ އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗްގައި ތައިލެންޑްގެ ކުޅުންތެރިޔާ ތިން ސެޓް ދެ ސެޓުން ބަލިކުރުމަށް ފަހުއެވެ. އޭގެ ކުރިން ކުޅުނު ފުރަތަމަ ބުރުގެ މެޗް ދީމާ ކާމިޔާބުކުރީ 1-3 އިންނެވެ.

ގައުމީ ޓީޓީ ޗެމްޕިއަން ދީމާ އަންނަނީ ފަހަކަށް އައިސް ގައުމީ ފެންވަރުގައި އާއި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ދީމާ ވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. ސާފް ގޭމްސްގައި ހޯދި މެޑެއްޔަކީ މި ކުޅިވަރުން ރާއްޖޭން މިހާތަނަށް ހޯދި ފުރަތަމަ މެޑަލް ކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް، އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ދީމާ ވަނީ ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި މި އަހަރު ތަށި މިލްކުކުރުމުގެ ފުރުސަތު ދީމާ އަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެޔޮއެދޭ ފަރާތެއް

    މާޝާﷲ...
    މީ އަހަރެމެންގެ މި ދިވެހި ޤައުމު ފަޚުރުވެރިވާ ދަރިއެއް.
    ޢުމުރުން އެންމެ 12 އަހަރުގައި ކުޅިވަރުގެ ލެޖެންޑަކަށް ވުމަކީ ކުޑަ ޝަރަފެއްނޫން. އަދި އެއަށްވުރެވެސް މި ދަރިފުޅުގެ ރިވެތި އަޚުލާޤާ ހަރުދަނާ ވިސްނުމަކީ ދީމާގެ މައިންބަފައިންގެ ފުިރހަމަ ތަރުބިއްޔަތުކަމުގައި ދެކޭތީ އެ ދެމީހުންނަށް ޚާއްޞަ ޝުކުރެއްވެސް މިފުރުޞަތުގައި ދަންނަވަން. އެހެން މައިންބަފައިން މިމީހުން ނަމޫނާއަކަށް ބަލާނެކަމުގައި އުންމީދުކުރަމުން ދީމާއަށް އަދަށްވުރެ ފަހި މާދަމާއަކަށް އެދެން.

    21
    3
  2. މުނާ

    ﷲ އެންގެވި ފަދައިން އައުރަ ނިވާނުކޮށް ތިޔަ ޖަހާ ސަކަރާތުން ތިޔަ ހޯދާ މެޑެލަކީ ﷲ ގެ ޙަޟުރަތުގައި ކިހާ ބުރަދަނެއް ހުރި އެއްޗަކަށް ވެދާނެ ކަމާމެދު ވިސްނާ ފިކުރުކުރުން ބުއްދިވެރި.

    18
    5