އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

މާޒިޔާ އިން ބުނީ އިންޑިއާގެ ސުޕަ ލީގް ޗެމްޕިއަން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އަސަދުﷲގެ ކަނާތު ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނިޔާއިން ރަނގަޅު ވުމަށް އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށާއި އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ހަ މަސް ފަހުން ކަމަށް މާޒިޔާ އިން ބުންޏެވެ. ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުން އަސަދުﷲ އަށް މިހާރު ވަނީ ސީޒަން ނިމިފައެވެ. ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރެއްގެ މަތިން ހޯދާފައިވާ އަސަދުﷲ ވަނީ ސީޒަނުގެ މިހާތަނަށް 14 ގޯލު ޖަހައިފައެވެ.

އަސަދުﷲ އަށް އަނިޔާވީ ބެންގަލޫރު މެޗުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ނަގައިދިން ހުރަހެއް އޭރިޔާ ތެރެއިން ގޯލަށް ޖަހަން އުޅުމުގެ ތެރޭގައެވެ. އަނިޔާވުމުގެ ސަބަބުން އެ މެޗުގެ 12 ވަނަ މިނެޓުގައި އޭނާ ވަނީ ދަނޑުން ބާލާފައެވެ.

ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަސަދުﷲ ވަނީ މީގެ ކުރިން ވެސް ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ. 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ތެރޭ ލީގު މެޗެއްގައި ށ. މިލަންދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވީ އަސަދުﷲގެ ވާތު ކަކުލަށެވެ. ވާތު ކަކުލުގެ ލިގަމެންޓް އިރައިގެން ދިއުމުގެ ސަބަބުން އެ އަހަރުގެ ސެޕްޓެމްބަރު އޮޕަރޭޝަނެއް ކުރުމަށް ފަހު އަސަދުﷲ ކުޅުމުގެ ތެރެއަށް އައީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ފުރަތަމަ ދެވަނަ ލެގަށް މާޒިޔާ ޓީމު ވަނީ އިންޑިއާ އަށް ގޮސްފައެވެ. ދެވަނަ ލެގުގައި ބެންގަލޫރާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އަންނަ ބުދަ ދުވަހުއެވެ. މާލޭގައި ކުޅުނު ފުރަތަމަ ލެގު މެޗުން މާޒިޔާ 2-1 އިން މޮޅުވެފައިވުމުން ދެވަނަ ލެގާ ކުރިމަތިލާއިރު ގްރޫޕް ސްޓޭޖުން ޖާގަ ލިބުމުގެ ފުރުސަތު އެޓީމަށް ވަނީ ވަރަށް ބޮޑުވެފައެވެ. އިންޑިއާގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މާޒިޔާއަށް އެބައޮތެވެ. މާޒިޔާ އިން ރަށުން ބޭރުގައި ލަނޑެއް ޖަހައިފިނަމަ ބެންގަލޫރަށް ފުރުސަތު ލިބޭނީ ދެ ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

ޕްލޭ އޮފުން މާޒިޔާ އަށް ކުރިލިބިއްޖެނަމަ އެޓީމު ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ.