ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް ކަމުގެ ތިންވަނަ ދައުރަކަށް މިހާރުވެސް އެމަގާމު ފުރުއްވާ މޫސާ ނާޝިދު އިންތިހާބުވެވަޑައިގެންފިއެވެ.

ހެންވޭރު ބޯޅަގޭގައި ރޭ ބޭއްވި ބީއޭއެމްގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް މޫސަ ފިޔަވައި އިތުރު ކެންޑިޑޭޓަކު ކުރިމަތިލައިފައި ނެތުމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ބީއޭއެމްގައި މުޅިއެކު 221 ވޯޓު ހިމެނޭއިރު ރޭގެ އިންތިހާބުގައި ބައިވެރިވެފައިވަނީ 194 ފަރާތަކުންނެވެ. މޫސަ އަށް އިތުރު ދައުރެއް ދޭން 194 ވޯޓު ވަނީ ލިބިފައެވެ.

ބީއޭއެމްގެ ނައިބު ރައީސަކަށް ހޮވުނީ މިހާރުވެސް އެމާގު ފުރުއްވަމުން އަންނަ ޝާކިރު މޫސާ އެވެ. އޭނާ އަށް ވަނީ 192 ވޯޓު ލިބިފައެވެ. ހަޒާންދާރު މުހައްމަދު ރިޝާން އަށް ވެސް ވަނީ 192 ވޯޓު ލިބިފައެވެ. އެކްސްކޯގެ ފުރިހަމަ މެމްބަރު ކަމަށް ކުރިމަތިލި ހުސެއިން އާތިފާއި އެކްސްކޯގެ އަންހެން މެމްބަރު ކަމަށް ކުރިމަތިލި މުރުޝިދާ އަބްދުލް މަންނާނަށް ލިބުނީ 193 ވޯޓެވެ. މީގެ އިތުރުން އެސޯސިއޭޓް އެކްސްކޯ މެމްބަރު އަހުމަދު ސިރާޖާއި ފަރުދީ އެކްސްކޯ މެމްބަރުކަމަށް އިންތިހާބުވި ސިޔާދު ހަބީބަށް ލިބުނީ 191 ވޯޓެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްކަމަށް މޫސަ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވިއިރު އޭނާ އަކީ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކެރެޓަރީ އެވެ.

މޫސަ އަންނަނީ ރާއްޖޭގެ ބެޑްމިންޓަން ކުރިއަރުވައި ސަރަހައްދީ ފެންވަރުގައި ދިވެހި ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެމުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގެ ބެޑްމިންޓަން އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ ވަނީ ރަން މެޑަލް ހޯދައިފައެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ބައިނަލްއަގުވާމީ މުބާރާތަކުން ލިބުނު ފުރަތަމަ ރަން މެޑަލް އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ ކުއްޖާ

    މޫސަ ނޫނީ ތިކަން ކުރެވވޭވަރު މީހަކު ނެއް

  2. ޚާލިދު

    މަރުހަބާ

  3. މަރޭ

    ކޮރަޕްޝަން .އެސޯސިއޭޝާން ބޭނުންކޮށްގެން އަމިއްލަ ވިޔަފާރި.ތިމާގެ ފިހާޜައިން ލިބޭ ބެޑްމިންޓަން މާ ނޫން އެއްޗަކުން މުބާޜާތް ވެސް ކުޅުން މަނާ.ކޮރަޕްޝަން ޒީޜޯ