ރަށުން ބޭރުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިކޮށް އިންގްލަންޑުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ސެންޓިއާގޯ ބާނެބެއުގައި ރެއާލްގެ މައްޗަށް ސިޓީން ކުރިހޯދީ ފަހަތުން އަރައި 2-1 އިންނެވެ. މި މެޗަށް ސިޓީން ނެރުނު ފުރަތަމަ އެގާރައިގައި ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއެރޯގެ ބަދަލުގައި ގެބްރިއެލް ހެސުސް އަށް ގާޑިއޯލާ ފުރުސަތު ދިން އިރު އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގް މެޗު ފެށީ ބެންޗުންނެވެ. އަނެއްކޮޅުން ރެއާލްގެ މެދުތެރެއިން ލޫކާ މޮޑްރިޗް ފެނުނު އިރު ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އަށް ކޯޗު ޒައިނިދީން ޒިދާން މި މެޗުގައި ފުރުސަތު ދީފައިނުވެ އެވެ.

ރެއާލް އާއި ސިޓީ ރޭ ބައްދަލުކުރި މެޗުގައި ގޯލު ޖަހަން އެންމެ ފުރަތަމަ ހުސް ފުރުސަތެއް ލިބުނީ ސިޓީ އަށެވެ. މެޗުގައި ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑެބްރައިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހެސުސް ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ. ސިޓީގެ އެ ހަމަލާ އަށް ފަހު 30 ވަނަ މިނެޓުގައި ރެއާލުން ވެސް އިދިކޮޅު ގޯލަށް ހަމަލާއެއް ފޮނުވާލި އެވެ. ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރު އެޑަސަންގެ ހުޝިޔާރުކަމުންނެވެ. ރީބައުންޑުގައި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް 19 އަހަރުގެ ފޯވަޑަށް އެ ބޯޅަައިގައި ރަނގަޅަށް ޖަހާލެވޭ ގޮތެއްނުވި އެވެ.

މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓު ތެރޭ މޮޅަށް ކުޅުނު ސިޓީ އަށް ހާސްކަމާއި ކުރިމަތިވީ 28 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ޑިފެންޑަރު އައިމެރިކް ލަޕޯޓް ބާލަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އުމުރުން 35 އަހަރުގެ ފަނަންޑީނިއޯ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ރެއާލްގެ ގޯލަށް އިތުރު ހަމަލާއެއް ފޮނުވާލާފައެވެ. ޑެބްރައިން ނަަގައިދިން ކޯނަރެއްގައި ހެސުސް އެއް ފަަހަރުން ޖަހައި ފޮނުވާލި ބޯޅަ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސްގެ ފައިގައި ޖެހިފަ ގޯލަށް ވަންނަމުން ދަނިކޮށް ކަސެމީރޯ ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ބޮޑަށް ނުރައްކާތެރިކޮށް ފެނުނީ ސިޓީ އެވެ. އެގޮތުން މި ހާފު ފަށައިގެން ފުރަތަމަ ވިއްސަކަށް މިނެޓު ތެރޭ އެޓީމުން ރެއާލްގެ ގޯލަށް ފުލުފުލުގައި ހަމަލާތަކެއް ފޮނުވާލި އެވެ. އެގޮތުން އަލްޖީރިއާގެ ވިންގާ ރިޔާދު މަހްރޭޒް ފޮނުވާލި ދެ ބޯޅައެއް ކޯޓުއާ ވަނީ މަތަކޮށްފައެވެ. ރެއާލުން ލީޑު ނެގީ 60 ވަނަ މިނެޓުގައި އޮޓަމެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވިނީޝިޔަސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ދިން ޕާހެއްގައި އިސްކޯ ޖެހި ގޯލުންނެވެ.

ސިޓީން ނަތީޖާ ހަމަހަމަ ކުރީ 78 ވަނަ މިނެޓުގައި ޑެބްރައިން ނަގައިދިން ހުރަހެއްގައި ހެސުސް ބޮލުން ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ފަސް މިނެޓު ފަހުން ސިޓީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ޕެނަލްޓީ އެއްގައި ޑެބްރައިން ޖެހި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން ސްޓާލިން އަށް ޑަނީ ކާވަހާލް ކުރި ޓެކުލަކާއި ގުޅިގެން ރެފްރީ ސިޓީ އަށް ދިން ޕެނަލްޓީއެކެވެ.

ރެއާލް އަށް މެޗުގައި އިތުރު މައްސަލަތަކާ ކުރިމަތިވީ އޭގެ އިރުކޮޅެއް ފަހުން ސިޓީން އުފެއްދި ހަމަލާއެއްގައި މުޅިން ހުހަށް ހުރެ ހެސުސް އޭރިއާ ތެރެއަށް ވަންނަމުން ދަނިކޮށް ފަހަތުން އައިސް އޭނާ އަށް ކުރި ފައުލަކާއި ގުޅިގެން ރާމޮސް އަށް ސީދާ ރަތް ކާޑެއް ރެފްރީ ދެއްކުމުންނެވެ. މިއާއެކު މި ދެޓީމު ކުޅޭ ދެވަނަ ލެގު މެޗުގައި ރާމޮސް އަކަށް ނުކުޅެވޭނެ އެވެ.

ސިޓީއާ ރެއާލް ބައްދަލުކުރާ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އިއްތިހާދު ސްޓޭޑިއަމްގައެވެ.