ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ފްރާންސްގެ ލިޔޯން އިން މުބާރާތުގެ ފޭވަރިޓުންގެ ތެރޭ ހިމެނޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް 1-0 އިން ބަލިކޮށްފިއެވެ.

ރޭގެ މެޗްގައި ލިޔޯން އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޓޮސާޓެވެ. ހޫސެމް އޯއާ ނަގައިދިން ހުރަހަކުން ޓޫސާޓް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގައި ޔުވެންޓަސް އަށް ލިޔޯންގެ ގޯލަށް މާ އެދެވޭ ޙަމަލާތަކެއް ފޮނުވާލެވިފައިނުވެއެވެ.

މެޗް ނިމެން ގާތްވެފައި ވަނިކޮށް ލިބުނު ފުރުސަތެއްގައި ލިޔޯންގެ ގޯލަށް ފޯވަޑް ޕައޮލޯ ދިބާލާ ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެ ބޯޅަ ގޯލަށް ފޮނުވާލި އިރު ދިބާލާ ހުރީ އޮފް ސައިޑްގައި ކަމަށެވެ.

އާ އަހަރު ފެށުނު ފަހުން ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލު ޖަހަމުން އައި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މި މެޗުގައި ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގައި އޭނާ ފޮނުވާލި ބޯޅަތައް ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ.

އަނެއްކޮޅުން މެޗްގައި ޔުވެންޓަސްގެ ގޯލު ފޫއަޅުވަން ލިޔޯން އަށް ވެސް ރަނގަޅު ފުރުސަތުތަކެެއް ލިބުނެވެ. އެގޮތުން މެޗްގެ ކުރީކޮޅު އެޓީމުގެ ކާލް ޓޯކޯ އެކަމްބީ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ޔުވެންޓަސްގެ ގޯލްގެ ހުރަސް ދަނޑިއަށެވެ.

އޭގެ ފަހުން މޫސާ ޑެމްބެލޭ ފޮނުވާލި ބޯޅަތަށް ގޯލާ ސީދާ ވާގޮތެއްނުވި އެވެ. ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް އޮންނާނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައެވެ.

ރޭގެ މެޗުން ބަލިވުމުން ދެ ވަނަ ލެގުން މޮޅުވާން ޔުވެންޓަސް އަށް ވަނީ މަޖުބޫރުވެފަ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ލިޔޯނަށް ކުއާޓާ އަށް ދެވޭނެ އެވެ.