ޓީރެކްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކިންގްސް ބާސްކެޓްބޯޅަ ކްލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ކިންގްސް އިން ކާމިޔާބުކުރީ 82-75 ޕޮއިންޓުންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ކިންގްސް އިން ތަށި އުފުލާލީ ޓީރެކްސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ގައުމީ މުބާރާތާއެކު ކިންގްސް ވަނީ މި ސީޒަނުގެ ދެ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. ޓީރެކްސް ފަހަތަށް ޖައްސާލައި ލީގު ތަށި ވެސް މި ފަހަރު އުފުލާލީ ކިންގްސް އިންނެވެ. ޓީރެކްސް އިން 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދީ އެ ފަހަރު ކިންގްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ރޭގެ މެޗު ކިންގްސް އަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ބިދޭސީ ކުޅުންތެރިޔާ އާރޮން ޖޯންސް ޑެކޯރޭ އެވެ. އޭނާ ވަނީ މެޗުގަައި 34 ޕޮއިންޓް އެއްކޮށްފައެވެ. ކިންގްސް ޓީމުން ދެން އެންމެ މޮޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް ހަމަކުރި ރިޝްފާން ރަޝީދު އަދި 10 ޕޮއިންޓް ހޯދި ފިރާޝް އަހުމަދު އެވެ.

ޓީރެކްސް އަށް ރޭގެ މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް އެއްކުރި ހުސެއިން ހަލީމް އާއި 13 ޕޮއިންޓް އެއްކުރި އަހުމަދު ހުޝާމްގެ އިތުރުން 14 ޕޮއިންޓް ހޯދި ބިދޭސީ ކުޅުންތެރިޔާ މަލިނިޗް އަލެކްސަންޑާ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ. ފައިނަލްގައި ބައްދަލުކުރާނީ ކުއީންސް ބާސްކެޓްބޯލް ކްލަބާއި އެލީޓް ސްޕޯޓްސް ކްލަބް އެވެ.