ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ގްރީސްގެ ސްޓެފަނޮސް ސިޓްސިޕަސް ބަލިކޮށް އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް ފަސް ވަނަ ފަހަރަށް ދުބާއީ ޑިއުޓީ ފްރީ ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބުކުރީ ސިޓްސިޕަސްއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. ޖޮކޮވިޗް ފުރަތަމަ ސެޓު 6-3 އިން ގެންދިޔައިރު ދެވަނަ ސެޓު އޭނާ ގެންދިޔައީ 6-4 އިންނެވެ. މިއީ 2020 ވަނަ އަހަރު ފެށުނު ފަހުން ޖޮކޮވިޗް ޖެހިޖެހިގެން ކާމިޔާބުކުރި 18 ވަނަ މެޗެވެ.

މިއީ ޖޮކޮވިޗް ދުބާއީ މުބާރާތް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2009، 2010، 2011 އަދި 2013 ވަނަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. ޖޮކޮވިޗަށްވުރެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ސްވިޓްޒަލެންޑުގެ ރޮޖާ ފެޑެރާ އެވެ. ފެޑެރާ ވަނީ ރެކޯޑު އަށް ފަހަރު މި މުބާރާތުގެ ސިންގަލްސް ތަށި އުފުލާލާފައެވެ. ދުނިޔޭގެ ތިންވަނަ އަށް ރޭންކް ކުރެވިފައިވާ ފެޑެރާ އަށް މިއަހަރުގެ މުބާރާތުގައި ނުކުޅެވުނީ މިދިޔަ މަހު އޮތް އޮސްޓްރޭލިއަން އޯޕަންގައި ކުޅެނިކޮށް ލިބުނު އަނިޔާއަކާއި ގުޅިގެން މިވަގުތު ކުޅުމާއި ދުރުގައި ހުންނަން ޖެހުމުގެ ސަބަބުންނެވެ.

ދުބާއީ ތައްޓާއެކު ޖޮކޮވިޗް ވަނީ މި އަހަރުގައި އޭނާ މިހާތަނަށް ކުޅުނު ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. މިދިޔަ މަހުގެ ކުރީކޮޅު އޮތް އޭޓީޕީ ކަޕްގެ ޑަބަލްސް ކެޓެގަރީން ވިކްޓާ ޓްރޮއިކީ އާއި ޖޮކޮވިޗްގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ ފަހުން އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ސިންގަލްސް ތަށި ޖޮކޮވިޗް ކާމިޔާބުކުރީ ފައިނަލުގައި ދުނިޔޭގެ ފަސް ނަންބަރު ކުޅުންތެރިޔާ، އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ބަލިކުރުމަށްފަހު އެވެ.