އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތުއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ގަދަ ހަތަރަކުން ވެއްޓިދާނެ ކަމުގެ ބިރު ޗެލްސީ އަށް ކުރިމަތިވެއްޖެއެވެ.

ބޯންމަތުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޑިފެންޑަރު މާކޮސް އަލޮންސޯ ކާމިޔާބުކޮށްދިން ގޯލުން ޗެލްސީ އިން ލީޑު ނެގި ނަމަވެސް ބޯންމައުތުން ވަނީ ދެވަނަ ހާފު ފަށައިގެން ކައިރި ކައިރީގައި ދެ ގޯލު ޖަހައި އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ރަޔާން ފެރޭޒާގެ އެހީތެރިކަމާއެކު ބޯންމައުތުގެ ފުރަތަމަ ގޯލު ޖެފާސަން ލެމާ ކާމިޔާބުކުރިއިރު އޭގެ ތިން މިނެޓު ފަހުން ޖެކް ސްޓޭސީ ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ދެވަނަ ގޯލު ޖެހީ ޖޯޝުއާ ކިންގް އެވެ. 2-1 ގެ ނަތީޖާއަކުން ބޯންމައުތު މޮޅުވަމުން ދަނިކޮށް ޗެލްސީ އަށް މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދިނީ ފުރަތަމަ ގޯލު ވެސް ޖަހައިދިން އަލޮންސޯ އެވެ.

މި މެޗު އެއްވަރުވުމުން ލީގު ތާވަލުގެ ތިންވަނައިގައި 50 ޕޮއިންޓާއެކު އޮތް ލެސްޓާ ސިޓީއާ ދެމެދުގައިވާ ފަރަގު ކުޑަކުރަން ޗެލްސީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ޗެލްސީ އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ޗެލްސީގެ ފަހަތުން މެންޗެސްޓާ ޔުނައިޓެޑާއި، ޓޮޓެންހަމް ހޮޓްސްޕާސް އަދި ޝެފީލްޑް ޔުނައިޓެޑް އަންނަނީ ގަދަ ހަތަރަކަށް އެރުމަށް މަސަތްކަތް ކުރަމުންނެވެ. 41 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް އެޓީމު ދެން ކުޅޭ މެޗު ކާމިޔާބުކޮށްގެން ޗެލްސީއާ ޕޮއިންޓަކަށް ކައިރިއަށް ޖެހިލުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕްރެމިއާ ލީގުގައި ޗެލްސީ ދެން މެޗެއް ކުޅޭނީ އަންނަ މާޗު މަހުގެ 8 ވަނަ ދުވަހު އެވެ. އެ ދުވަހު ޗެލްސީ ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. އޭގެ ކުރިން އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅޭނެ އެވެ.