މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ބިރާ ހެދި އިޓަލީގެ ފުޓްބޯޅަ ކްލަބް ޔުވެންޓަސް އިން އެ ކްލަބުގެ ހުރިހާ ފަރިތަކުރުންތައް ވަގުތީ ގޮތުން މެދުކަނޑާލައި ކްލަބުގެ 23 އަހަރުން ދަށުގެ ޓީމް ކަރަންޓީނުކޮށްފިއެވެ..

ޔުވެންޓަސް އިން ކްލަބުގެ ޓްރެއިނިންގް ވަގުތީ ގޮތުން ހުއްޓާލަން ނިންމީ އިޓަލީގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އެ ކްލަބުގެ ސީ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވާދަކުރި ކްލަބު ކަމަށްވާ ޕިއަނީސްގެ ތިން ކުޅުންތެރިއަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވުމުންނެވެ. ޕިއަނީސްގެ ކުޅުންތެރިންގެ އިތުރުން އެ ޓީމުގެ މެނޭޖަރަށްވެސް ބަލިޖެހިފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާއި ގުޅިގެން އަންނަ މާޗް މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޔުވެންޓަސްގެ ޒުވާން ޓީމުގެ ހުރިހާ ކުޅުންތެރިން ކަރަންޓީނު ކުރުމަށް ނިންމައިފައިވާއިރު އަދި މިހާތަނަށް އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ވައިރަހުގެ އަސަރެއްް ކުރިކަމަށް ރިޕޯޓްކޮށްފައި ނެތެވެ.

ރިޕޯޓުތައް ބުނާގޮތުން އިޓަލީން ކޮރޯނާ ވައިރަހުގެ 1128 ކޭސް ވަނީ މިހާތަނަށް ފެނިފައެވެ. އަދި އެގައުމުން ވައިރަހާ ހެދި މަރުވި މީހުންގެ އަދަދު ވަނީ 29 އަށް އަރައިފައެވެ.

ވައިރަހުގެ ބިރާ ހެދި އިޓާލިއަން ސެރިއާ އޭގައި އިންޓަ މިލާނާއި ޔުވެންޓަސް ބައްދަލުކުރާ މެޗުގެ އިތުރުން، ލީގުގައި މި ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އިތުރު ހަތަރު މެޗެއް ވެސް ވަނީ ފަސްކޮށްފައެވެ. މެޗުތައް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 13 ވަނަ ދުވަހުއެވެ. މި މެޗުތައް މީގެކުރިން ސަޕޯޓަރުން ނުވައްދާ ކުޅުމަށް ހަމަޖެއްސި ނަމަވެސް އެ ނިންމުން މިއަދު ވަނީ ބަދަލުކޮށްފައެވެ

ކޮވިޑް-19 ގެ ސަބަބުން އިޓަލީގެ ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަކުރުމަށް އެކުލަވާލާފައިވާ މިންގަނޑުގެ ތެރެއިން އެގައުމުގެ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ގިނަ މެޗުތަކެއް ފަސްކުރުމުގެ އިތުރުން އިޓަލީގެ އެފްއޭ އިން ވަނީ ތިންވަނަ ޑިވިޝަނުގެ ކުޅުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅަ އަދި ބާސްކެޓްބޯޅަ ލީގުތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ކޮވިޑް19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިހާރު އޮތީ ވަގުތީ ގޮތުން ހުރިހާ ފުޓްބޯޅަ ހަރަކާތެއް ހުއްޓާލާފައެވެ.