ބްރޫނޯ ފާނަންޑޭސް ކާމިޔާބުކުރި ގޯލުން މެންޗެސްޓާ ޔުނައިޓެޑުން މިރޭ އިނގިރޭސި ޕްރެމިއާ ލީގުގައި އެވަޓަން އަތުން ބަލިނުވެ ފަރުޖައްސާލިއިރު ޓޮޓެންހަމް ހޮޓްސްޕާސްގެ ދަނޑުގައި 3-2 އިން އެޓީމު ބަލިކޮށް ވުލްވްސް އިން ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި އެވެ.

ލީގުގައި މިރޭ އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މެޗު ނިމިގެންދިޔައީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. މެޗުގައި އެވަޓަން އަށް ލީޑު ނަގައިދިން ގޯލު މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ކާމިޔާބުކުރީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ޑޮމިނިކް ކެލްވަޓް ލެވިން އެވެ. ގޯލު ކުރިމަތީގައި ބޯޅަ ހިފައިގެން ހުރެފައި ޑެހެއާ ކުރިއަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކެލްވަޓް ލެވިންގެ ފައިގައި ޖެހިފަ އެވެ.

ކެލްވަޓް ލެވިންގެ 13 ވަނަ ލީގު ގޯލުން އެވަޓަން ލީޑު ނެގިއިރު އޭގެ ފަސް މިނެޓު ދެވަނަ ގޯލެއް ޖެހުމާއި އެޓީމުން ގާތަށް ދިޔައެވެ. މިފަހަރު ކެލްވަޓް ލެވިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ޑެހެއާ ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑުން އުފެއްދި ހަމަލާއެއްގައި ނެމަންޖާ މަޓިޗް ފޮނުވާލި ބޯޅަ ކީޕަރު ޖޯޑަން ޕިކްފޯޑުގެ އަތުގައި ޖެހިފަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި މަޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ގޯލުންނެނެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ޕޯޗުގަލްގެ ސްޕޯޓިންގް އިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު ބްރޫނޯ އެޓީމަށް ޖަހައިދިން ތިންވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ދެވަނަ ފަހަރަށް ލީޑު ނަގަން އެވަޓަން އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް ލެއިޓަން ބޭއިންސް ނަގައިދިން ހުރަހެއްގައި ބްރެޒިލް ފޯވަޑް ރިޗާލިސަން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެވަޓަން އިން އަނެއްކާވެސް ގޯލެއް ޖެހުމާއި ގާތަށް ޖެހިލިއެވެ. މިފަހަރު ހިލޭ ޖެހުމެއްގައި ގިލްފީ ސިގަޑްސަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ހަމަލާގެ ރީބައުންޑުގައި ރިޗާލިސަން އަށް ބޯޅަ ފޮނުވާލެވުނީ ޑެހެއާގެ އަތަށެވެ. މި ހާފުގައި ގޯލެއް ޖަހަން ޔުނައިޓެޑުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިތުރު ވަގުތުގައި އޮޑިއޮން އިގްހާލޯ އަށެވެ. އިތުުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ބްރޫނޯ ފޮނުވާލި ހަމަލާ ޕިކްފޯޑުގެ އަތުގައި ޖެހިފަ އިގްހާލޯ އަށް ލިބުނު ނަމަވެސް ދެވަނަ ހާފުގައި މޭސަން ގްރީންވުޑްގެ ބަދަލުގައި ކުޅެން އެރި ނައިޖީރިއާގެ ފޯވަޑް ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ޕިކްފޯޑުގެ ހުޝިޔާރުކަމުންނެވެ.

ޔުނައިޓެޑަށް ލިބުނު ރަނުގެ ފުރުސަތު އިގްހާލޯ ބޭކާރުކުރި އިރު އޭގެ ދެ މިނެޓު ފަހުން އެވަޓަން އިން އުފެއްދި ހަމަލާއެއްގައި ކެލްވަޓް ލެވިން ވަނީ ޔުނައިޓެޑްގެ ގޯލު ތެރެއަށް ބޯޅަ ވައްދާލާފައެވެ. އެހެންނަމަވެސް ރެފްރީ މި ގޯލު ބާތިލް ކުރީ ވީއޭއާރުގެ އެހީ ހޯދުމަށްފަހު، ކެލްވަޓް ލެވިން ފޮނުވާލި ބޯޅަ މެގުއާ ގައިގަ ޖެހިފައި ގޯލަށް ވަންނަމުން ދިޔަ ވަގުތު ސިގަޑްސަން އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައަށް ހަރަކާތްކުރި ކަމަށް ބުނެއެވެ. އެވަޓަންގެ ގޯލު ބާތިލްކުރުމުން އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. މެޗަށްފަހު ރެފްރީ ވަނީ އެންޗެލޯޓީ އަށް ރަތް ކާޑު ދައްކައި އޭނާ ދަނޑުން ވެސް ފޮނުވާލާފައެވެ.

މިރޭގެ މެޗު އެއްވަރު ވުމުން ލިބުނު ޕޮއިންޓާއެކު އެވަޓަން ވަނީ 37 ޕޮއިންޓާއެކު ތާވަލުގެ 11 ވަނަ އަށް ޖެހިލައިފައެވެ. ޔުނައިޓެޑު އޮތީ 42 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

މިރޭ ދެން ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ވުލްވްސް މޮޅުވީ ފަހަތުން އަރަ އެވެ. މެޗުގެ ފުރަތަ ގޯލު ޓޮޓެންހަމާއި ދާދި ފަހުން ގުޅުނު ހޮލަންޑު ފޯވަޑް ސްޓީވެން ބާގްވައިން ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން ވުލްވްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު މެޓް ޑޮހާޓީ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑިފެންޑަރު ސާޖް އޮރިއޭގެ ގޯލުން ޓޮޓެންހަމުން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް ވުލްވްސް އިން ވަނީ ދެވަނަ ހާފުގައި ދެ ގޯލު ޖަހައި އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ވުލްވްސްގެ ފުރަތަމަ ގޯލު މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޑިއޯގޯ ޖޯޓާ ޖެހިއިރު މެޗުން އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖޯޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ މެކްސިކޯގެ ފޯވަޑް ރައުލް ހިމެނޭޒް އެވެ.

ވުލްވްސް މިވަގުތު އޮތީ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ލީގުގެ ހަ ވަނައިގަ އެވެ. ވުލްވްސް އަތުން ބަލިވުމުން 40 ޕޮއިންޓާއެކު ޓޮޓެންހަމް ވަނީ ހަތް ވަނަ އަށް ވެއްޓިފައެވެ.