ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާކުރުވަނިވި ބޮޑު ތިން ޕްރޮޖެކްޓެއް ހިންގަން ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެފްއޭއެމް އާއި ސްކައިވިންގް ގްލޯބަލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށްޓަކައި އެފްއޭއެމް ހައުސްގައި ބޭއްވި ޙާއްސަ ބައްދަލުވުމުގައެވެ.

މި އެއްބަސްވުމުގެ ދަށުން މައިގަނޑު ތިން ޕްރޮޖެކްޓެއް ހިންގުމަށް ވަނީ ނިންމައިފައެވެ. ފުރަތަމަ ކަމަކީ އެފްއޭއެމް ހައުސް 20 ބުރިއަށް އިމާރާތްކުރުމުގެ މަސަތްކަތެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުރިއަށް އޮތް ފަސް ވަރަކަށް މަސް ތެރޭ މި ޕްރޮޖެކްޓުގެ އަމަލީ މަސަތްކަތް ފެށިގެންދާނެ ކަމަށެވެ. ކޮރެއާ ކުންފުނީގެ އަމިއްލަ ތަކެތީގައި ކުރަން ނިންމާފައިވާ މި މަސަތްކަތަށް 17 މިލިއަން ޑޮލަރާ ގާތްކުރާހާ އަދަދެއް ހަރަދުވާނެ ކަމަށާއި މިއީ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް އާއި ސްކައިވިންގް ގްލޯބަލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ބައްސާމް ވިދާޅުވީ ލޯނަށް އަނބުރާ ދައްކާ ފައިސާ ހޯދުމަށް އަލަށް އިމާރާތް ކުރާ ތަނުން އެ އިދާރާ އަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށާއި އިމާރާތުގެ މަސަތްކަތް ނިމޭތާ ފަސް އަހަރު ތެރޭ ލޯނު މުޅިން ދައްކާ ނިންމާލެވޭނެ ކަމަށެވެ.

ސްކައިވިންގް ގޯލްބަލްއާ އެފްއޭއެމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހިއްކި ބިމުގައި ހަތަރު ބުރީގެ ފުޓްސަލް އެރީނާއެއް ވެސް އެޅުމަށް ވަނީ ނިންމައިފައެވެ. ހިއްކި ބިމުގައި ހަތަރު ބުރި އެކުލެވޭ ގޮތަށް އިމާރާތް ކުރާ މިތަނުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްސަލް އެރީނާއަކާއި، ޓްރެއިނިން ހިދުމަތް ލިބޭ ސެންޓަރެއްގެ އިތުރުން މި އެރީނާގައި އެފްއޭއެމް އަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމްކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް އާއި ސްކައިވިންގް ގްލޯބަލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެފްއޭއެމް އިން މިއަދު ކޮރެއާ ކުންފުންޏާއެކު އެއްބަސްވި ތިންވަނަ މަޝްރޫޢަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 އާޓިފިޝަލް ގްރާސް ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމެވެ.

އެފްއޭއެމް އިން މައުލޫމާތު ދިން ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތް 77 ދުވަސް ތެރޭ މަސައްކަތް ފެށި އަދި އޭގެ ފަހުން ކޮންމެ މަހަކު ދަނޑެއް ތަރައްގީކޮށް ހުޅުވާލެވޭ ވަރުވާނެއެވެ. އަދި މި 20 ދަނޑުގެ ތެރެއިން ތިން ދަނޑަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ތަރައްގީ ކުރާ ދަނޑުތައް ކަމަށާއި ބާކީ 17 ދަނޑު އަތޮޅު ތެރޭގައި އަޅާ ރަށްތައް ނިންމާނީ ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށް އެފްއޭއެމް އިން މައުލޫމާތުއެވެ.