ފަހު މެޗުގައި ކްލަބް އީގަލްސް އަތުން 2-1 އިން ބަލިވި ނަމަވެސް ޗެމްޕިއަންކަން ކުރިން ކަށަވަރުކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދިވެހި ޕްރެމިއާ ލީގުގެ އައްޑަން މިރޭ އުފުލާލައިފިއެވެ.

މި މެޗަށް ނުކުތްއިރު ވެސް މާޒިޔާ އަށް އޮތީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައެވެ. ބާކީ ތިން މެޗު އޮއްވާ މާޒިޔާ އިން ލީގު ކާމިޔާބު ކުރީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗުންނެވެ. މިއީ މާޒިޔާ އިން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެ ޓީމުން ވަނީ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު ވެސް ލީގު ކާމިޔާބުކޮށްފައެވެ. މި ފަހަރުގެ ލީގުގައި މާޒިޔާ އަށް މޮޅެއް ނުހޯދުނީ ކްލަބް އީގަލްސް އަތުން އެކަންޏެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު 1-1 އިން އެއްވަރުވިއިރު، ދެ ވަނަ ބުރުގެ މެޗު އީގަލްސް އިން ކާމިޔާބުކުރީ 2-1 އިންނެވެ.

ލީގުގައި ކުޅުނު 21 މެޗުން 51 ޕޮއިންޓް މާޒިޔާ ހޯދިއިރު ދެވަނައިގައި ނިންމާލި އީގަލްސް އަށް ލިބުނީ 45 ޕޮއިންޓެވެ. 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި ޓީސީ ތިންވަނައިގައި ނިންމާލީ 41 ޕޮއިންޓާއެކު އެވެ. ހަތަރުވަނަ ލިބުނީ 29 ޕޮއިންޓް ހޯދި ގްރީން އަށެވެ. ފަސްވަނައިގައި ނިންމާލި ދަ ގްރާންޑޭ އަށް 27 ޕޮއިންޓް ލިބުނުއިރު ހަވަނަ ލިބުނު ފޯކައިދޫ ފުޓްބޯޅަ ކްލަބަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. މާލީ ގޮތުން ކްލަބުތައް ހީނަރުވެ ލީގުގައި ކުރިއަށް ދިއުމުގައި ކުރިމަތިވި ހުރަސްތަކާއެކު، ކްލަބުތަކުގެ މަޝްވަރާގެ މަތިން އެފްއޭއެމް އިން ނިންމީ ލީގުގެ ފުރަތަމަ ދެ ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ހަ ޓީމު ހިމަނައިގެން ފަހު ބުރު ކުޅުމަށެވެ. މި ނިންމުމާ އެކު ލީގުގެ ހަތް ވަނަ އަށް ދިޔަ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި އަށް ވަނަ އަށް ދިޔަ ނިލަންދޫ ފުޓްބޯޅަ ޓީމް ފަހު ބުރުގައި ވާދަކޮށްފައިނުވެ އެވެ.

ދިރާގު ދިވެހި ޕްރިމެއާރ ލީގް ގެ ފައިނަލް މެޗް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޗެމްޕިއަނުންގެ ލަގަބާއެކު މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗަށް މާޒިޔާ އިން ނެރުނު ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދިޔައެވެ. އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން މެޗު ފެށީ ބެންޗުންނެވެ. އޭއެފްސީ ކަޕްގެ ޕްލޭ އޮފުގައި އެންމެ ފަހުން އިންޑިއާގައި އެގައުމުގެ ބެންގަލޫރު އަތުން މާޒިޔާ މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިރޭގެ މެޗު ފެށީ ކެޕްޓަން ބޭންްޑް އަަޅައިގެން ކުޅުނު މުހައްމަދު އިރުފާން (އިރޭ) އާއި ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ލީޑު ނަގަން މާޒިޔާ އަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ބޯޅަ ކީޕަރު އިބްރާހިމް ސިނާހު ވަނީ މަތަކޮށްފައެވެ. އަނެއްކޮޅުން ގޯލު ޖަހަން އީގަލްސް އިން އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ އަހުމަދު ރިޒުވާން (ރިޒޭ) އަށެވެ. އޭރިއާ ތެރެއިން މުޅިން ހުހަށް ހުރެ އޭނާ ގޯލުގެ ކަނަށް ޖެހި ބޯޅަ ކީޕަރު ހުސެއިން ޝަރީފް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އީގަލްސް އަށް ކާމިޔާބުކޮށްދިނީ ޖަޕާނު މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ. އޭނާ މި ގޯލު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ދިރާގު ދިވެހި ޕްރިމެއާރ ލީގް ގެ ފައިނަލް މެޗް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާ އެއްވަރު ކުރަން މާޒިޔާ އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އިއްބެ ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރު ސިނާހުގެ ހުޝިޔާރުކަމުންނެވެ. މިއީ އީގަލްސްގެ ބިދޭސީ ޑިފެންޑަރު ރަސުލް އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ މާޒިޔާ އަށް ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން ވެސް މާޒިޔާ އިން ވަނީ ގޯލެއް ޖެހުމާއި ގާތަށް ގޮސްފައެވެ. މިފަހަރު އޭރިއާ އަރިމަތިންހެން މުހައްމަދު ސާމިރު ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކުރި ގޯލުން އީގަލްސް އިން ލީޑު ފުޅާކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މާޒިޔާ އަށް ފަރަގު ކުޑަކޮށްދީފައެވެ.

މި އަހަރުގެ ލީގުގެ އެންމެ ގޯލްކީޕަރަކަށް ހޮވިފައިވަނީ މާޒިޔާ އަށް ކުޅެމުން އަންނަ އަފްޢާނިސްތާނުގެ ގައުމީ ގޯލްކީޕަރު އޮވޭސް އަޒީޒީ އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އީގަލްސް އެވެ.