އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އިން ދެ ވަނަ ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި ގައުމީ ފުޓްބޯޅަ ސްކޮޑުން ފުރުސަތު ހޯދި އާދަމް ނިޒާމް (ކިތުނާ) އަށް އެ ޓީމުން ފުރުސަތު ދޭން ނިންމައިފި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުރިން ކިތުނާ މާޒިޔާގެ ޓީމަށް ގެންނަން އެ ކްލަބުން ނިންމީ އަނިޔާގެ ސަބަބުން ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށްދާން ޖެހިފައިވާ ކެޕްޓަން އަސަދުﷲ އަބްދުﷲ ނެތްތަން ފޫބެއްދުމަށެވެ. އަސަދުﷲ އަށް އަނިޔާވީ އޭއެފްސީ ކަޕް ޕްލޭ އޮފްގައި މާޒިޔާ އަދި ބެންގަލޫރު އެފްސީ މާލޭގައި ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.

ބެންގަލޫރާއި ދެކޮޅަށް ކުޅުނު މެޗުގައި އަސަދުﷲގެ ކަނާތު ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސްފައިވާ ކަމަށާއި އަނިޔާއިން ރަނގަޅު ވުމަށް އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް މާޒިޔާ އިން ވަނީ ބުނެފައެވެ. އޮޕަރޭޝަނެއް ކުރަން ޖެހުމުން އަސަދުﷲ އަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވެން މަދުވެގެން ހަ މަސް ނަގާނެ ކަމަށް ބެލެވެއެވެ.

ކިތުނާ ގެންނަން މާޒިޔާ އިން ނިންމި ނަމަވެސް އަދި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައެއްނުވެ އެވެ.

ގައުމީ ޓީމުގެ ކޯޗުގެ ސަމާލުކަމަށް ކިތުނާ އައީ ދެ ވަނަ ޑިވިޝަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގައި ދެއްކި މޮޅު ކުޅުމުންނެވެ. ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ހަތް ގޯލާއެކު މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ކިތުނާ އެވެ. ދެ ވަނަ ޑިވިޝަނުގައި މިފަހަރު ކިތުނާ އަށް ގޯލު ނުޖެހުނީ މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ސުޕަ ޔުނައިޓެޑް ކުޅުނު މެޗުގައި އެކަންޏެވެ.

ގްރޫޕް ސްޓޭޖުގައި ދިވެހި ސިފައިންގެ ކްލަބް ކޮޅަށް ދެ ގޯލު ޖެހިއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމު ކޮޅަށް ކިތުނާ ވަނީ އެއް ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޭޖޭ ސްޕޯޓްސް ކޮޅަށް ދެ ގޯލު، ސެމީ ފައިނަލުގައި ކްލަބް ޕީކޭއާ ދެކޮޅަށް އެއް ގޯލު އަދި ފައިނަލުގައި ކްލަބް ވެލެންސިއާ ކޮޅަށް ވެސް ކިތުނާ ވަނީ ގޯލެއް ޖަހައިފައެވެ.

މިއަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން މާޒިޔާ އަށް ފުރުސަތު ލިބުނީ ޕްލޭ އޮފްގައި ބެންގަލޫރު އަތުން ކުރި ލިބުމުންނެވެ. ގްރޫޕު ސްޓޭޖުގައި މާޒިޔާ ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން، އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ރަށުން ބޭރުގައި މާޒިޔާ ނުކުންނާނީ އިންޑިއާގެ ޗެންނާއި ސިޓީއާ ދެކޮޅަށެވެ.