ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި ފަސްވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޓީސީސީ އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދައިފި އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިފަހަރު 13 ޓީމެއް ވަނީ ވާދަކޮށްފައެވެ. މުޅިއެކު 4 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޓީސީސީ ހޯދީ ރޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކުޅުނު ފައިނަލް މެޗުގައި އެމްއެންޑީއެފްއާ ވާދަކޮށް 20-13 ޕޮއިންޓުން ކުރިހޯދައިގެންނެވެ.

ފައިނަލްގެ ޑަބަލްސް ފުރަތަމަ މެޗުން އެމްޓީސީސީގެ މުހައްމަދު އަޖުފާން ރަޝީދާއި ޔޫސުފް ނިޔާޒްގެ ޕެއާ ބަލިވި ނަމަވެސް، ސިންގަލްސް ފުރަތަމަ މެޗުން އަޖުފާން ވަނީ އަހުމަދު ސޮބާހު ބަލިކޮށްފައެވެ. އެހެންނަމަވެސް ދެން ކުޅުނު ޑަބަލްސް ދެވަނަ މެޗާއި ސިންގަލްސް ދެވަނަ މެޗުންވެސް އެމްޓީސީސީ އަށް ކުރިމަތިވީ ނާކާމިޔާބީއެވެ. އެމްއެންޑީއެފްގެ ހަސަން އަފްޝީން ޝަހީމް އަދި އަބްދުﷲ އާއިދުގެ ޕެއާ ޑަބަލްސް މެޗުން މޮޅުވިއިރު ސިންގަލްސް މެޗު ގެންދިޔައީ އެމްއެންޑީއެފްގެ އަބްދުﷲ ފިޔާޒެވެ.

އެމްޓީސީސީ އަށް ޗެމްޕިއަންކަން ލިބުނީ ފަހުން ކުޅުނު ޑަބަލްސް ދެ މެޗާއި ސިންގަލްސް ތިންވަނަ މެޗު ކާމިޔާބުކޮށްގެންނެވެ. ސިންގަލްސް މެޗުގައި ޔޫސުފް ނިޔާޒް ވަނީ މުހައްމަދު ޒިދާން ބަލިކޮށްފައެވެ. ޑަބަލްސް ފުރަތަމަ މެޗުން ކުރި ހޯދީ ސުތާރްސަން އަދި މުނާހު އަހުމަދުގެ ޕެއާ އެވެ. ޑަބަލްސް ފަހު މެޗު ކާމިޔާބުކުރީ ސުތާރްސަން އަދި ހުސެއިން މުހައްމަދުގެ ޕެއާ އިންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރީ 8 ޓީމެކެވެ. 2 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ކެޓެގަރީގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދީ ފައިނަލް މެޗުގައި އެމްއޭސީއެލްއާ ވާދަކޮށް 19-10 ޕޮއިންޓުން ކުރިހޯދައިގެންނެވެ.

ފައިނަލްގެ ޑަބަލްސް ފުރަތަމަ މެޗުގައި ކަސްޓަމްސްގެ އާމިނަތު ނަބީހާ އާއި އާމިނަތު އިރުފާގެ ޕެއާ މޮޅުވި ނަމަވެސް ސިންގަލްސް ފުރަތަމަ މެޗުން ކަސްޓަމްސްގެ އާމިނަތު ޒީނާ ވަނީ އެމްއޭސީއެލްގެ ނަބާހާ އަތުން ބަލިވެފައެވެ. އޭގެ ފަހުން ކުޅުނު ޑަބަލްސް ދެވަނަ މެޗުން ކުރިލިބުނީ ކަސްޓަމްސް އަށެވެ. ކަސްޓަމްސްގެ ނަބީހާ އާއި އާމިރާ ދޮހުއްތުގެ ޕެއާ މޮޅުވި އިރު ސިންގަލްސް ދެވަނަ މެޗުން ކަސްޓަމްސްގެ އައިޝަތު ޔަޝްފާ ވަނީ އެމްއޭސީއެލްގެ ފިރުޝާނާ ނަސީރު އަތުން ބަލިވެފައެވެ.

ކަސްޓަމްސް އިން ޗެމްޕިއަންކަން ކަށަވަރު ކުރީ ޑަބަލްސް ތިންވަނަ މެޗާއި ސިންގަލްސް ތިންވަނަ މެޗުން މޮޅުވެގެންނެވެ. ޑަބަލްސް މެޗުގައި އާމިރާ ދޮހުއްތުގެ ޕެއާ އެމްއޭސީއެލްގެ މަފާޒާ އަހުމަދު އަދި އައިޝަތު ޝަޒްނާގެ ޕެއާ ބަލިކުރިއިރު ސިންގަލްސް މެޗުގައި އައިޝަތު އިރުފާ ވަނީ ފާތިމަތު އިޝާނާ ބަލިކޮށްފައެވެ.