މި އަހަރުގެ ފަހު ކޮޅު ފެށުމަށް ހަމަޖެހިފައިވާ ޔުއެފާ ނޭޝަންސް ލީގުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ރޭ ހޮލަންޑުގެ ވެރިރަށް އެމްސްޓަޑެމްގައި ކުރިއަށްދިޔައިރު މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ނުވަތަ ގްރޫޕް އޮފް ޑެތުގެ ގޮތުގައި ބެލެވޭ ގްރޫޕަކީ ގްރޫޕް ސީ އެވެ. މި ގްރޫޕުގައި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސާއި ޔޫރޯ އަދި ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލްގެ އިތުރުން ދެން ހިމެނެނީ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ކްރޮއޭޝިއާ އަދި ސްވިޑެން އެވެ.

ގްރޫޕް އޭގައި މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ދެވަނަ ހޯދި ހޮލަންޑާއެކު ހިމެނެނީ އިޓަލީ އާއި ޕޮލަންޑުގެ އިތުރުން ބޮސްނިއާ އެވެ. ގްރޫޕް ބީގައި ހިމެނެނީ އިންގްލަންޑާއި ބެލްޖިއަމް އަދި އައިސްލޭންޑުގެ އިތުރުން ޑެންމާކެވެ. ގްރޫޕް ޑީގައި ލައްވާލީ ޖާމަނީ އާއި ޔުކްރެއިން އާއި ސްވިޓްޒަލެންޑުގެ އިތުރުން ސްޕެއިން އެވެ.

މިދިޔަ އަހަރުގެ ނޭޝަންސް ލީގު ޕޯޗުގަލް އިން ކާމިޔާބުކުރީ ފައިނަލުގައި ހޮލަންޑުގެ މައްޗަށް 1-0 އިން ކުރިހޯދައިގެންނެވެ. ތިންވަނަ ހޯދީ ޕެނަލްޓީގައި ސްވިޓްޒަލެންޑުގެ މައްޗަށް ކުރިހޯދި އިންގްލަންޑެވެ.

މުޅިއެކު 16 ޓީމާއެކު ފަށާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުގެ ތެރޭ އެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމާއެކު މުބާރާތުގެ ފައިނަލް ބުރު ކުޅޭނީ އަންނަ އަހަރުގެ މެދުތެރޭގައެވެ. ފައިނަލް ބުރުގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން ފައިނަލަށް ދަތުރު ކުރާ ދެ ޓީމު ކަށަވަރު ކުރާނީ ދެ ސެމީ ކުޅެގެންނެވެ.

ނޭޝަންސް ލީގަކީ ޔުއެފާގައި ހިމެނޭ 56 މެންބަރު ގައުމުތަކުގެ ބައިވެރިވުމާއެކު މިދިޔަ އަހަރު ފެށި މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދަނީ މުޅިއެކު ހަތަރު ލީގަކަށް ބަހާލެވިގެންނެވެ. އެއީ ލީގު އޭ، ބީ، ސީ އަދި ޑީ އެވެ. އެގޮތުން އެންމެ މަތީ ފަންތީގެ ނުވަތަ ލީގް އޭގައި ވާދަކުރަނީ ޔޫރަޕްގައި ހިމެނޭ އެންމެ ރޭންކް ރަނގަޅު ނުވަތަ އެންމެ ވަރުގަދަ ޓީމުތަކެވެ.