2-1 އިން ޓޮޓެންހަމް ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ޓޮޓެންހަމް އިން ވަނީ ލީޑު ނަގާފައެވެ. އެރިކްސަން ދިން ޕާހަކުން މި ގޯލު ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ ޑެލެ އަލީއެވެ. ނަމަވެސް މެޗުގެ 24 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޕޮގްބާ ނަގައިދިން ހުރަހަކުން މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ޕޮގްބާ ފޮނުވާލު ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ދިފާއުކުރިއިރު، ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޓޮޓެންހަމްގެ ޑަޔާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 62 ވަނަ މިނެޓްގައި ހެރޭރާ ވަނީ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގާދީފައެވެ. ދެވަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޓޮޓެންހަމް އިން ކުޅުނު ނަމަވެސް ޔުނައިޓެޑްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ފަހުވަގުތުކޮޅުތެރޭ ލީޑު ފުޅާކޮށްލަން ޔުނައިޓެޑްގެ ޒުވާން ފޯވާޑް ރަޝްފޯޑް އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭގެ ބޭނުން އޭނާ އަށް ރަނގަޅަށް ވަނީ ހިފޭގޮތް ނުވެފައެވެ.

މިއީ ޔުނައިޓެޑް އެފްއޭކަޕްގެ ފައިނަލަށް ދަތުރުކުރި 20 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑުން ވަނީ 12 ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ފައިނަލްގައި ޔުނައިޓެޑް ބައްދަލުކުރާނީ މާދަމާ ރޭ ޗެލްސީ އާއި ސައުތްހެމްޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.