މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ، އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ތައްޔާރުވެއްޖެއެވެ.

ސެޕްޓެމްބަރު މަހު ފަހު ކޮޅު ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގެ ބޮޑުބައެއް ޕޮގްބާ އަށް ގެއްލިފައިވާއިރު ޔުނައިޓެޑް ޖާޒީގައި އޭނާ މިސީޒަނުގައި ފެނިފައިވަނީ އެންމެ 8 މެޗުންނެވެ. ޕޮގްބާ އެންމެ ފަހުން ޔުނައިޓެޑަށް ކުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ކޮޅު އެވެ. ކުރިން ކުޑަހުޅަށް ލިބުނު އަނިޔާއިން ސަލާމަތްވެ އެނބުރި ކުޅުމުގެ ތެރެއަަށް އައިސް ނިއުކާސަލްއާ ދެކޮޅަށް އޭނާ ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް އަނިޔާއިން މުޅިން ސަލާމަތްނުވެވި ޕޮގްބާ ޖެހުނީ އަނެއްކާވެސް އޮޕަރޭޝަނެއް ކުރާށެވެ.

ޕޮގްބާގެ އަނިޔާއާއި ބެހޭގޮތުން ޔުނައިޓެޑުގެ ކޯޗު އޮލޭ ގުނަ ސޯލްޝެއާ ބުނީ ކްލަބުގެ ސީނިއާ ޓީމާއެކު ފަރިތަކުރުންތަކުގައި ޕޮގްބާ ބައިވެރިވާން އަދި ހަފުތާއެއް ވަރު ނަގާނެ ކަމަށާއި މުޅިން ފިޓްވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން އޭނާ އަށް އަދި ވަގުތު ބޭނުންވާނެ ކަމަށެވެ.

ޔުނައިޓެޑުގެ ޖާޒީގައި ޕޮގްބާ އެންމެ ފަހުން މެޗެއް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަނިޔާގެ ސަބަބުން ޕޮގްބާގެ ބޭނުން މިސީޒަނުގައި ޔުނައިޓެޑަށް ހިފޭގޮތެއް އަދި މިހާތަނަށް ފަހިވެފައިނުވާއިރު އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުންނާއި އިޓަލީގެ ޔުވެންޓަސް އިން ވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ފަހަކަށް އައިސް ކޮންމެ ޓްރާންސްފާ ބާޒާރެއްގައި ވެސް ޕޮގްބާއާ މެޑްރިޑް ގުޅުވައިގެން ވާހަކަތައް ދެކެވޭއިރު އޭނާ އަކީ މެޑްރިޑްގެ ކޯޗު ޒައިނިދީން ޒިދާން އަށް ވަރަށް ކަމުދާ ކުޅުންތެރިއެއްވެސްމެ އެވެ. ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާއާ ޔުނައިޓެޑާ ދެމެދު މައްސަލަތަކެއް ވެސް އުޅޭކަމަށް މީޑިއާތަކުގައި ވަނީ އަޑު އަރައިފަ އެވެ. ޕޮގްބާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އިނީ އެންމެ 18 މަހެވެ. އޭނާ ހޯދަން ބޭނުންނަމަ 120 މިލިއަން ވަރަކަށް ޕައުންޑް ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.

މީގެ ހަތަރު އަހަރު ކުރިން އެއިރުގެ ރެކޯޑު ފީ އަކަށް ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ ވަނީ އެ ކްލަބާއެކު ޔުއެފާ ޔުރޮޕާ ލީގު އަދި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.