ޕްރިމިއާ ލީގުގެ ހަތް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް ޕެނަލްޓީން ކުރި ހޯދައި ލީގުގެ ފުލުގައި އޮތް ނޯވިޗް ސިޓީން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާގެ ޖާގައެއް ރޭ ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅެ ނޯވިޗުން ޓޮޓެންހަމް ކަޓުވާލީ 120 މިނެޓު ހަމަވިއިރު 1-1 އިން ނަތީޖާ އެއްވަރުވެގެން ޖެހި ޕެނަލްޓީގައި 3-2 އިން ކުރި ހޯދައިގެންނެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ދެ ޓީމުން ވެސް ނެރުނީ ވަރުގަދަ އެގާރައެކެވެ. ޓޮޓެންހަމް ޓީމުން ލޫކަސް މޫރާ އާއި ހޮލަންޑުގެ ޒުވާން ފޯވަޑް ސްޓީވެން ބާގްވިންގެ އިތުރުން ޑެލޭ އަލީ ފެނުނު އިރު އާންމުކޮށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ނޯވިޗްގެ ފުރަތަމަ އެގާރައިން ރޭގެ މެޗުގައި މަދުވީ ހަމައެކަނި ފޯވަޑް ޓީމު ޕުއްކީއެވެ.

މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ޖެހީ ޓޮޓެންހަމުންނެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޯ ސެލްޝޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖަން ވަޓޮންގްހަންއެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރަން ނޯވިޗަށް ކައިރި ކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޓޮޓެންހަމްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެމިލިއާނޯ ބުއެންޑިއާ ޖެހި ބޯޅަ ކީޕަރު މިޗެލް ވޯމް މަތަކުރިއިރު އޭރިއާ ބޭރުން ލޫކަސް ރަޕް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ވޯމްއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ބޮޑަށް ނުރައްކާތެރިކޮށް ފެނުނީ ނޯވިޗްއެވެ. އެގޮތުން ބުއެންޑިއާ އާއި ރަޕް ޖެހި ބޯޅަތައް ގޯލަށް ނުވަދެ ސަލާމަތްވީ ވޯމްގެ ހުޝިޔާރުކަމުންނެވެ. ކައިރި ކައިރީގައި ޓޮޓެންހަމްގެ ގޯލަށް ހަމަލާތައް ފޮނުވާލަމުން ގޮސް ނޯވިޗުން އެންމެ ފަހުން ނަތީޖާ އެއްވަރު ކުރީ 78 ވަނަ މިނެޓުގައި ފޯވަޑް ޖޯސިޕް ޑޮމިކް ޖެހި ގޯލުންނެވެ.

90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލު ޖަހަން އެދެވޭ ފުރުސަތުތަކެއް ލިބިގެން ނުދެއެވެ.

ނަތީޖާ އެއްވަރުވެ، ޖެހި ޕެނަލްޓީގައި އެންމެ ފުރަތަމަ ޓޮޓެންހަމުން އެރިކް ޑާޔާ ޖެހި ބޯލަ ގޯލަށް ވަން އިރު ނޯވިޗްގެ ފަރާތުން ކެނީ މެކްލީން ޖެހި ޕެނަލްޓީ ވޯމް މަތަކުރިއެވެ. ނަމަވެސް ދެވަނަ ޕެނަލްޓީގައި އެރިކް ލަމޭލާ ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވުމުގެ ފައިދާ ނަގައި ނޯވިޗްގެ އެޑަމް އުޗޭ އިޑާ ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

އޭގެ ފަހުން ލޯ ސެލްޝޯ އާއި މާކޯ ސްޓިއަޕެމޭން ޖެހި ޕެނަލްޓީތައް ދެ ކުޅުންތެރިންވެސް ވަނީ ކާމިޔާބުކޮށްފައެވެ. ޓޮޓެންހަމްގެ ހަތަރު ވަނަ ޕެނަލްޓީ ޖެހި ޓްރޯއީ ޕެރޮޓް އަށް ބޯޅަ ގޯލުގެ ތެރެއަށް ވައްދާނުލެވުމުގެ ފައިދާ ނަގައި ނޯވިޗްގެ ޓޮޑް ކާންޓްވެލް ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ފަސްވަނަ ޕެނަލްޓީ ކާމިޔާބުކުރަން މަޖުބޫރުވެފައި އޮއްވައި ޓޮޓެންހަމްގެ ގެޑްސަން ފާނެންޑޭސް ޖެހި ބޯޅަ ކީޕަރު ކްރޫލް ވަނީ މަތަކޮށް ނޯވިޗް ފައިނަލަށް ގެންގޮސްދީފައެވެ.

މިއީ 1991 ވަނަ އަހަރުގެ ފަހުން ނޯވިޗް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ނޯވިޗާއެކު މުބާރާތުގެ ކުއާޓާ އަށް ދަތުރު ކުރި ޓީމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ، އާސެނަލް، ޗެލްސީ، ލެސްޓާ ސިޓީ، ނިއުކާސަލް ޔުނައިޓެޑް އަދި ޝެފީލް ޔުނައިޓެޑެވެ. ކުއާޓާގެ ފަހު ޖާގަ ކަށަވަރު ކުރުމަށް މާދަމާ ރޭ ޑާބީ ކައުންޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނެއެވެ.