ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްއޭ ކަޕް މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުށި ބައްދަލުކުރާ މެޗުން ފަށާނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެފްއޭއެމްގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކްލަބަކަށް އެ އިދާރާ އިން ހުޅުވާލި ފުރުސަތުގައި ބައިވެރިވި އަށް ޓީމާއެކު މިފަހަރުގެ މުބާރާތް ފަށާނީ ކުއާޓާ ފައިނަލް ބުރުންނެވެ. ކުރިން ނުވަ ޓީމުން މުބާރާތުގައި ބައިވެރިވި ނަމަވެސް ގުރު ނެގުމުގެ ކުރިން ލެގޫންސް ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުން ވަކިވެފަ އެވެ. މުބާރާތުގައި ކުޅޭ އަށް ޓީމަކީ މާޒިޔާ، ކްލަބު އީގަލްސް އާއި، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބު ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ފޯކައިދޫ ފުޓްބޯލް ކްލަބުގެ އިތުރުން ވިލިމާލެ ޔުނައިޓެޑް އަދި ކްލަބު އޭދަފުއްޓެވެ.

އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކްލަބް އޭދަފުއްޓާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު މިރޭ ކުޅޭ ދެ ވަނަ މެޗުގައި މާޒިޔާ ނުކުންނާނީ ގްރީން ސްޓްރީޓާ ދެކޮޅަށެވެ. މާދަމާ ހަވީރު ފޯކައިދޫ އާއި ދަ ގްރާންޑޭ ވާދަކުރާ އިރު މާދަމާ ރޭ އޮންނާނީ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑުގެ މެޗެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މި މަހުގެ 16 ވަނަ ދުވަހު ހަވީރު ވާދަކުރާނީ މާޒިޔާ އަދި ގްރީން މެޗުން މޮޅުވާ ޓީމާއި ފޯކައިދޫ އަދި ދަ ގްރާންޑޭ މެޗުން މޮޅުވާ ޓީމެކެވެ. އެރޭ ކުޅޭ ދެ ވަނަ ސެމީން ފުރުސަތު ލިބޭނީ ޓީސީ އަދި އޭދަފުށި މެޗުން މޮޅުވާ ޓީމަށާއި އީގަލްސް އަދި ވިލިމާލެ ޔުނައިޓެޑު މެޗުން މޮޅުވާ ޓީމަކަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 19 ވަނަ ވާ ބުރާސްފަތި ދުވަހު އެވެ.

މި އަހަރު އެފްއޭކަޕް މި ބާއްވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. 12 ތައްޓާއެކު ނިއު އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކުގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއު ސަސްޕެންޑްކޮށްފައިވާތީ މި ސީޒަނުގައި އެ ކްލަބުން ފުރަތަމަ ޑިވިޝަނުގައި ވާދައެއް ނުކުރެ އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިންގް ބުރުން ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މިފަހަރު ފުރުސަތު ލިބުނީ ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން މާޒިޔާ އަށެވެ. މާޒިޔާ އިން މިފަހަރުގެ އެއްފޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރަށް ދާނީ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އެވެ.