5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކުރުމަށްފަހު ސްޕެނިޝް ކަޕް ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

ސްޕެއިންގެ ވަންޑަ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު ކުޓީނިއޯ ދިން ޕާހަކުން މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. ނަތީޖާ އެއްވަރުކޮށްލަން ސެވިއްޔާގެ ކޮރީއްޔާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް އޭނާ އަށް ވަނީ ހިފޭގޮތް ނުވެފައެވެ.

މެޗުގެ 31 ވަނަ މިނެޓްގައި އަލްބާ ދިން ޕާހަކުން ލިއޮނަލް މެސީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ ދިން ޕާހަކުން ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ސުއަރޭޒްއެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު މެސީ ދިން ޕާހަކުން ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާއެވެ. ބާސާގެ ފަސްވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ކާމިޔާބުކުރަން ސެވިއްޔާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ސަންޑްރޯ އަށެވެ. ނަމަވެސް ބާސާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ އެޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިއީ ބާސާ އިން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ އެ ކްލަބުގެ ތާރީހުގައި މި މުބާރާތް ހޯދި 30 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސްޕެނިޝް ކަޕް ބާސާ އިން ކާމިޔާބުކުރިއިރު، ސްޕެނިޝް ލީގު ހޯދުމުގެ ފުރުސަތު ވެސް ބާސާ އަށް އަދި އެބައޮތެވެ. އެގޮތުން ލީގުގެ ކާމިޔާބުކުރުމަށް ބާސާ އަށް މިހާރު ވަނީ އެންމެ މޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕެނަލްޑޯ

    ޕެނަލްޑޯ މޮޅުކަމުން ބާސާ ޗެންޕިއަން ، މެސީ އަށް ކަމެއްނުކުރެވީތީ ރިއާލް ލީގު ތިންވަނާގަ.......

  2. އަހުމަދު

    ސުމޫތް