ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ކޮސްޓާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި 0-1 އިން ސްޕޯޓިން ލިސްބަން އަތުން އެތްލެޓިކޯ ބަލިވި މެޗުގައެވެ. އެ އަނިޔާގެ ސަބަބުން އެތްލެޓިކޯ އިން އެންމެފަހުން ލީގުގައި ކުޅުނު ދެ މެޗުގައި ވެސް ކޮސްޓާ ކުޅެފައެއް ނުވެއެވެ.

އަދި އާސެނަލްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގައި ވެސް ކޮސްޓާ އަށް ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެގެން ގޮސްފައެވެ.

"ފުރަތަމަ ލެގުގައި ކޮސްޓާ ކުޅުމުގެ އެއްވެސް ފުރުސަތެއް އޮތް ހެނެއް އަހަންނަކަށް ހީއެއް ނުވޭ. އެކަމަކު ދެވަނަ ލެގުގައި ކޮސްޓާ ކުޅޭނެ" ސިމިއޯނީ ބުންޏެވެ.

އާސެނަލް އާއި އެތްލެޓިކޯ ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރެއެވެ.

ކުރިން ޗެލްސީ އަށް ކުޅުނު ކޮސްޓާ އަކީ އެތްލެޓިކޯގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ކޮސްޓާ ވަނީ މި ސީޒަނުގައި އެތްލެޓިކޯ އަށް ކުޅެދިން 18 މެޗުގައި ހަ ގޯލު ކާމިޔާބުކޮށް ފަސް އެސިސްޓް ހަދާފައެވެ.

ޔޫރޮޕާ ލީގަކީ މި ސީޒަނުގައި އެތްލެޓިކޯ އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ތަށްޓެވެ.