ތަފާތު ބޮޑު ނަތީޖާއަކުން ކްލަބް އޭދަފުށި ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 13-0 އިންނެވެ. މި މަހުގެ 16 ވަނަ ދުވަހު ކުޅޭ ސެމީ ފައިނަލުގައި ޓީސީ ވާދަކުރާނީ ކްލަބް އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑް މާދާމާ ރޭ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން ނުކުތް އޭދަފުށި ކޮޅަށް މިއަދު ޓީސީން ޖެހި ފުރަތަމަ ގޯލު މެޗު ފަށައިގެން ކުޑަ އިރުކޮޅެއް ތެރޭ ކާމިޔާބުކުރީ އޭދަފުއްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އެވެ. މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސައްޓު ވަނީ ފުރަތަމަ ތޭރަ މިނެޓު ތެރޭ އިތުރު ދެ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ސައްޓުގެ އިތުރުން މި މެޗުގައި ޓީސީގެ ބިދޭސީ ފޯވަޑް މެލްކޮމް ކޮނޭލިއަސް ސްޓެވާޓް ހެޓްރިކެއް ހެދިއިރު އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ވަނީ 4 ގޯލު ޖަހައިފައެވެ. ދަގަނޑޭގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު އޭނާ ފަހުން ޖެހި ތިން ގޯލަކީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީތަކުން ކާމިޔާބުކުރި ގޯލުތަކެވެ. އޭގެ ތެރެއިން ފުރަތަމަ ޕެނަލްޓީ އަކީ 55 ވަނަ މިނެޓުގައި، އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް ވަންނަމުން ދަނިކޮށް އޭދަފުށީގެ އިސްމާއިލް ޝަރީފް ބޯޅައިގައި އަތްލުމުން ރެފްރީ ޓީސީ އަށް ދިން ޕެނަލްޓީ އެކެވެ. މިއާއެކު ރެފްރީ ޝަރީފަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭދަފުށިން ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެކަކު މަދުކޮށެވެ.

ދަގަނޑޭ އާއި ސައްޓުގެ އިތުރުން ދެން މި މެޗުގައި ޓީސީ އަށް ގޯލު ޖަހައިދިނީ ދެ ލަނޑު ޖެހި އިސްމާއިލް އީސަ (މެސީ) އާއި އަހުމަދު ފައްރާހު (ފައްރަ) އެވެ.

މުބާރާތުގައި މިރޭ ކުޅޭ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އަދި ކްލަބު ގްރީން ސްޓްރީޓްސް އެވެ.

މި އަހަރު އެފްއޭކަޕް މި ބާއްވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަޑަންޑޫ

    އޭދަފުއްޓަކީ ހާދަމޮޅު ކުޅުންތެރިން އުޅޭ ރަށެކޭ ކިހިނެއްތަ މިހެދީ

    2
    1
  2. ބަތްޕެން

    އެ އޮތީ ސައިޒު އަންގާލާފަ
    މީ ބުރެޒިލްއޯ????

    3
    3
  3. ސީދި

    އޭދަފުށި ޓީމުގަ މޮޅުކުޅުން ކުޅޭނީ މާޅޮހުކުދިން. ނަންވާނީ އޭދަފުށި. މަރުހަބާ މާޅޮހުކުދިންނަށް