އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ޕެނަލްޓީ ޖަހައިގެން 6-5 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ލީގު ޗެމްޕިއަން މާޒިޔާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގެ 120 މިނެޓު ކުޅެވުނުއިރު ދެޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.

މިރޭގެ މެޗަކީ ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އަލީ ނިސްތާރު މުހައްމަދުގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ގްރީނަށް ބަދަލުވީ ލީގުގައި ފޯކައިދޫ ފުޓްބޯޅަ ކްލަބަށް އިރުޝާދު ދިނުމަށްފަހު އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ގްރީން އިންނެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ޖަހައިދިނީ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ގްރީނުގެ ކުޅުންތެރިޔަކު ދިން ބޯޅައެއްގައި އައްމަޑޭ މަޑުމަޑުން ގޯލު ތެރެއަށް ބޮލުން ޖެހި ބޯޅަ ހުއްޓުވުމުގައި މާޒިޔާގެ ކީޕަރު އޮވޭސް އަޒީޒީ އަށް މާ ބޮޑު މަސަތްކަތެއް ނުކުރެވުނެވެ.

މާޒިޔާ އިން އެއްވަރު ކުރީ 61 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން ގޯލުންނެވެ. އޭރިއާ ލައިންމަތިންހެން ލިބުނު ހިލޭ ޖެހުމަކުން އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރެއް ގައިގައި ޖެހިފައި ނުކުތް ވަގުތު ހަމްޕު ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ހަމްޕުގެ ގޯލަށް ފަހު މާޒިޔާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ގޯލު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ނަމަވެސް ގްރީންގެ ގޯލުގައި ހުރި މުހައްމަދު ޝަފީއު (ޗެކް) ވަނީ މާޒިޔާގެ އެޓޭކުތައް ހުއްޓުވުމުގައި މިރޭ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

1-1 އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ގްރީން އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ މުހައްމަދު އުމެއިރު އެވެ. މެދުތެރެއިން މުހައްމަދު އާރިފް (ބަކާ) ދިން ބޯޅަ ހިފައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ އުމެއިރު ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މި ނަތީޖާގައި އޮވެ ގްރީން މޮޅަކާ ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް މާޒިޔާ އަށް މެޗުގައި ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. 120 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މުހައްމަދު އިރުފާން (އިރޭ) ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އިއްބެ ފޮނުވާލި ބޯލަށް ގޯލަށް ވަނީ ކީޕަރު ޝަފީއުގެ އަތުގައި ޖެހިފަ އެވެ.

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި މާޒިޔާ އިން ވަނީ އެޓީމުގެ ހަ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. ގްރީން އަށް ވައްދާލެވުނީ ފަސް ޕެނަލްޓީ އެވެ. ގްރީން މެޗުން ބަލިވީ ހަ ވަނަ ޕެނަލްޓީގައި އަލީ ހަމްދާން ޖެހި ބޯޅަ ކީޕަރު އަޒީޒީ މަތަކުރުމުންނެވެ.

އެފްއޭ ކަޕުން ކެޓުމުން މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ބާކީ ދެން އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. އެ ޓީމުން ލީގު ނިންމާލީ ތާވަލުގެ ހަތަރު ވަނައިގައި އޮވެ އެވެ.

ސެމީ ފައިނަލުގައި މާޒިޔާ ވާދަކުރާނީ މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ސެމީގެ ފުރަތަމަ ޖާގަ ހޯދީ މިއަދު ހަވީރު ކްލަބް އޭދަފުށި ބަލިކުރި ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީ ސެމީގައި ނުކުންނާނީ މާދަމާ ރޭ ކްލަބް އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މި އަހަރު އެފްއޭ ކަޕް މި ބާއްވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ.