އަހުމަދު ރިޒުވާން (ރިޒޭ) ޖެހި 10 ގޯލާއެކު ވިލިމާލެ ޔުނައިޓެޑް ބަލިކޮށް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކްލަބް އީގަލްސް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު އީގަލްސް އިން ކާމިޔާބުކުރީ 12-0 އިންނެވެ. ރޭ ޖެހި 10 ގޯލާއެކު މިސީޒަނުގައި އީގަލްސްގެ ހުނަރުވެރި ފޯވަޑް ރިޒޭ ކާމިޔާބުކޮށްފައިވާ ގޯލުގެ އަދަދު ވަނީ 38 އަށް އަރައިފައެވެ. މި ސީޒަނުގައި ރިޒޭ ކުޅުނު 21 މެޗުގައި އޭނާ 8 ހެޓްރިކް ހަދާފައިވާއިރު ލަނޑު ލިސްޓު ލީޑުކުރަމުން އަންނަނީ ވެސް ރިޒޭ އެވެ. ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ އެންމެ ފަހުން ރަން ބޫޓު ހާސިލްކުރި ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ދަގަނޑޭ ވަނީ މިހާތަނަށް 26 ގޯލު ޖަހައިފައެވެ.

ރިޒޭގެ 10 ގޯލާއެކު އޭނާ ވެފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެއް މެޗެއްގައި ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. މި ރެކޯޑް އޮތީ 2009 ވަނަ އަހަރުގެ ލީގުގައި ލ. ކަލައިދޫ އަތުން ވީބީ އައްޑޫ އެފްސީ 20-0 އިން މޮޅުވި މެޗުގައި 12 ގޯލު ޖެހި ދަގަނޑޭގެ އަތުގަ އެވެ. ދެ ވަނައިގައި އޮތީ 2016 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަނުގައި ވެލިއެންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް 36-0 އިން ވީކޭ ސްޕޯޓްސް ކްލަބް މޮޅުވި މެޗުގައި 11 ގޯލު ޖެހި އަހުމަދު ހަލީމް އަތުގަ އެވެ. ލިސްޓުގެ ތިން ވަނަ ރިޒޭ ހިއްސާކުރަނީ 2001 ވަނަ އަހަރު އެފްއޭ ކަޕްގައި އޯޝަންސް އަތު 22-0 އިން އައިއެފްސީ މޮޅުވި މެޗުގައި 10 ގޯލު ޖެހި އާދަމް އަބްދުއްލަތީފް (ލައްޗޭ) އާ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ތިން ގޯލުގެ ލީޑަކުން އީގަލްސް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގައި ރިޒޭ ދެ ގޯލު ޖެހިއިރު ދެ ވަނަ ހާފުގައި އޭނާ ވަނީ އަށް ގޯލު ޖަހައިފަ އެވެ. އީގަލްސްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ބިދޭސީ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު މާޒިޔާ އާއި ދަ ގްރާންޑޭ ވާދަކުރާއިރު ދެ ވަނަ ސެމީގައި އެރޭ އީގަލްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.

މި އަހަރު އެފްއޭ ކަޕް މި ބާއްވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ރިޒޭ އަކީ އާދަޔާ ޚިލާފު ހުނަރެއް ލިބިފައިވާ ކުޅުންތެރިއެކެވެ. މި ކަން ރިޒޭއަށް ޙާޞިލް ވުމުގައި އޭރު އިގަލްސްގެ ކޯޗް އިޙްސާން ޢަބްދުލް ޣަނީ (ސާންތީ) ގެ ރޯލް ވަރަށް ބޮޑުކަން ފާހަނގަ ކުރަމެވެ.