ރާއްޖޭން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް 2 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން، އެތުލެޓިކްސް އެސޯސިއޭޝަނުން ހިންގާ ހަރަކާތްތައް މެދުކަނޑާލައިފިއެވެ.

އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ އެ އެސޯސިއޭޝަނުން މާލެ އާއި ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޔޫތު އެތުލެޓިކްސް ޓްރެއިނިން އާއި ކިޑްސް އެތުލެޓިކްސް ޓްރެއިނިން މެދުކަނޑާލާށެވެ.

މީގެ އިތުރުން އޭޕްރިލް މަހުގެ ނިޔަލަށް ތާވަލުކޮށްފައިވާ ހުރިހާ އެތުލެޓިކްސް މުބާރާތްތަކެއް ފަސްކުރުމުގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަން މެދުވެރިކޮށް ރާއްޖޭން ބޭރަށް އެތުލީޓުން ޓްރެއިނިން އަށް ފޮނުވުމާއި އެސޯސިއޭޝަން މެދުވެރިވެގެން ރާއްޖޭގެ އެތުލީޓުން ބައިވެރިވާ މުބާރާތްތަކުގައި ބައިވެރިނުވާން ވެސް ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 ރާއްޖޭން ފެނުނުކަން ސަރުކާރުން އިއުލާންކުރީ ރޭގަ އެވެ. މި ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. މި ދެ މީހުންގެ ޙާލަތު ބަޔާން ކުރައްވަމުން މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވީ ދެމީހުންގެ ހާލު މިވަގުތު ރަނގަޅު ކަމަށެވެ. ޕޮޒިޓިވް ވެފައިވާ ދެ މީހުންނާއި ކޮންޓެކްޓް ވެފައިވާ މީހުން ބަލަމުން އަންނަ ކަމަށާއި، އަދި އިތުރު މީހުންނާއި ދިމާވެފައިވޭތޯވެސް ބަލަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ހެދި މި ހަފުތާ ބަންދުގައި ބާއްވަން ރާވާފައި އޮތް މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން ވެސް ވަނީ މިދިޔަ ހަފުތާގައި ފަސްކޮށްފަ އެވެ. އައިރަނާޒް އިން ރާވައި އިންތިޒާމް ކޮށްގެން ބާއްވާ މި މެރަތަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މެރަތަން ބާއްވާނެ ތާރީހު، ކޮވިޑް-19 މައްސަލަ ހަމައަކަށް އެޅުމުން އަންގާނެ ކަމަށް އައިރަނާޒް އިން މައުލޫމާތުދެ އެވެ.

ކޮވިޑް-19 އާއި ހެދި ޗައިނާގައި ފެބްރުއަރީ މަހު ބާއްވަން އޮތް އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި މި މަހު ބާއްވަން ހަމަޖައްސާފައި އޮތް ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް މިހާރު ވަނީ ފަސްކޮށްފަ އެވެ.

ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ އިރު ޗައިނާ ފިޔަވައި މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ އިޓަލީގައެވެ. އިޓަލީން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނައިރު އެ ގައުމުގެ ސަރުކާރުން ވަނީ ވައިރަހުގެ އަސަރު ނުކުރާ ސަރަހައްދުތައް ވެސް ހިމަނައިގެން އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް 30 ދުވަހަށް މެދުކަނޑާލާފައެވެ. އިޓަލީގެ ސަރުކާރުން އެގޮތަށް ނިންމިޔަސް، ސަޕޯޓަރުން ނުވައްދާ ފުޓްބޯޅަ މެޗުތައް އަދިވެސް ދަނީ ކުޅެމުންނެވެ.