އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ބާންލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެއްވަރުވެ ގަދަ ހަތަރަކަށް އެރުމަށް ޓޮޓެންހަމް ހޮޓްސްޕާސް ކުރަމުން އަންނަ މަސަތްކަތަށް އަނެއްކާވެސް ހުރަސްތަކެއް އެޅިއްޖެއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ބާންލީ އިންނެވެ. މި ގޯލު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ޖަހައިދިނީ ފޯވަޑް ކްރިސް ވުޑް އެވެ. ޓޮޓެންހަމުން އެއްވަރު ކުރީ ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން އިނގިރޭސި މިޑްފީލްޑަރު ޑެލޭ އަލީ ޖެހި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން އެރިކް ލަމެލާ އަށް ބާންލީގެ ޑިފެންޑަރު ބެން މީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ޓޮޓެންހަމަށް ދިން ޕެނަލްޓީ އެކެވެ. މި ގޯލަކީ އަލީ ޓޮޓެންހަމް ޖާޒީގައި ޖެހި 50 ވަނަ ލީގް ގޯލެވެ. އޭނާ ވެފައިވަނީ ޕްރެމިއާ ލީގުގައި 50 ގޯލު ހަމަކުރި ޓޮޓެންހަމްގެ ހަތް ވަނަ ކުޅުންތެރިޔާ އަށެވެ.

ރޭގެ މެޗަކީ މޮޅެއް ނުހޯދައި ޓޮޓެންހަމުން ޖެހިޖެހިގެން ނިންމާލި ފަސްވަނަ މެޗެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރު މެޗެއްގައި ނޯވިޗް ސިޓީއަތުން ބަލިވެ މުބާރާތުން އަލްވަދާއު ކިޔާފައިވާ ޓޮޓެންހަމް އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ޖަރުމަނުގެ ލީޕްޒެއިގްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވިއިރު ލީގުގައި ވުލްވްސް އާއި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވީ ބައްޔެވެ.

ރޭގެ މެޗުން އެއްވަރުވުމާއެކު ޓޮޓެންހަމް ވަނީ އިނގިރޭސި ލީގުގެ އަށްވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް ލިބިފައިވަނީ 29 މެޗުން 41 ޕޮއިންޓެވެ. ޓޮޓެންހަމާއި ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު މިވަގުތު ހަތަރު ޕޮއިންޓުގެ ފަރަގެއް އޮތް އިރު މިރޭ އެވަަޓަން އަތުން ޗެލްސީ މޮޅުވެއްޖެނަމަ މި ފަރަގު ހަތް ޕޮއިންޓަށް ބޮޑުވެގެންދާނެ އެވެ. ރޭ ޓޮޓެންހަމާއި އެއްވަރު ކުރި ބާންލީ ވަނީ 29 މެޗުން 39 ޕޮއިންޓް ހަމަކޮށް ތާވަލުގެ 10 ވަނަ އަށް ކުރިއަށް ޖެހިލައިފައެވެ.