ފަސޭހަކަމާއެކު އެވަޓަން ބަލިކޮށް ޗެލްސީން އިނގިރޭސި ޕްރެމިއާ ލީގު ތާވަލުގެ ހަތަރުވަނައިގައި ބޮޑު ލީޑެއް ނަގައިފިއެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީން އެވަޓަން ބަލިކުރީ 4-0 އިންނެވެ. މި މެޗު ޗެލްސީން ކާމިޔާބުކުރީ އެޓީމުގެ ސީނިއާ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންނާ ނުލައި ކުޅެގެންނެވެ. ޗެލްސީގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޓެމީ އަބްރަހަމް، މަޓެއޯ ކޮވަސިޗް، އެންގޯލޯ ކަންޓޭ، އަންދްރެއާސް ކްރިސްޓެންސަން އަދި ކްރިސްޓިއަން ޕުލިސިކް ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. މީގެ އިތުރުން މިޑްފީލްޑަރު ޖޮގީނިއޯ ހުރީ ކާޑު ހަމަވުމުގެ ސަބަބުން މިވަގުތު ސަސްޕެންޝަނުގައެވެ.

މިރޭގެ މެޗުގައި ކޯޗު ފްރެންކް ލަމްޕާޑު ވަނީ 18 އަހަރުގެ މިޑްފީލްޑަރު ބިލީ ގިލްމާ އަށް ފުރުސަތު ދީފައެވެ. ސްކޮޓްލޭންޑުގެ ބިލީ ވަނީ އެންމެ ފަހުން އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ލިވަޕޫލް އަތުން ޗެލްސީ މޮޅުވި މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ސްޓަމްފޯޑް ބްރިޖްގައި މިރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލީ ދެ ގޯލުގެ ތަފާތުން ކުރީގައި އޮވެއެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ޗެލްސީގެ ފުރަތަމަ ގޯލު ޖެހީ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް އެވެ. އޭރިއާ ތެރެއިން ޕެޑްރޯ ދިން ޕާހުގައި މައުންޓް ތިރިތިރިން ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެ އިރުކޮޅެއް ފަހުން ޗެލްސީން ގޯލެއް ޖެހުމާއި ގާތަށް ޖެހިލި އެވެ. މުޅިން ހުހަށްހުރެ އޭރިޔާ އަރިމަތިންހެން ބްރެޒިލް ވިންގާ ވިލިއަން ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރު ޕިކްފޯޑުގެ ހުޝިޔާރުކަމުންނެވެ.

ޗެލްސީން ލީޑު ފުޅާކުރީ މެޗުގެ 21 ވަނަ މިނެޓުގައި ރޮސް ބާކްލޭގެ އެހީތެރިކަމާއެކު ޕެޑްރޯ ޖެހި ގޯލުންނެވެ. ބާކްލޭ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ކައިރި ކަނަށް ޕެޑްރޯ ފޮނުވާލި ބޯޅަ ހުއްޓުވުމުގައި ޕިކްފޯޑަށް މާ ބޮޑު މަސަތްކަތެއް ނުކުރެވުނެވެ. އެހެންނަމަވެސް ޕިކްފޯޑު ވަނީ މި ހާފު ނިމެން ގާތްވެފައި ވަނިކޮށް ފޯވަޑް އޮލިވިއާ ޖިރޫޑް ޖެހި ބޯޅައެއް މަތަކޮށްފައެވެ.

ޗެލްސީގެ ތިންވަނަ ގޯލު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ބާކްލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ވިލިއަން ޖެހި އިރު އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ހަތަރު ވަނަ ގޯލު ވިލިއަން ނަގައިދިން ހުރަހެއްގައި އެއް ފަހަރުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެހީ ޖިރޫޑް އެވެ. މެޗުގެ ފަހުކޮޅުގައި ޗެލްސީން އިތުރު ގޯލުތަކެއް ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ޕެޑްރޯ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފައޮސްޓީނޯ އަންހޯރިން ފޮނުވާލި ހަމަލާތައް ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

މި މޮޅާއެކު ޗެލްސީން ވަނީ 29 މެޗުން 48 ޕޮއިންޓް ހަމަކޮށް ލީގުގެ ހަތަރުވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ތާވަލުގެ ތިންވަނައިގައި އޮތީ 50 ޕޮއިންޓާއެކު ލެސްޓާ އެވެ. ފަސްވަނައިގައި އޮތީ 43 ޕޮއިންޓާއެކު ވުލްވްސް އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ހަވަނައިގައި ޝެފީލްޑް ޔުނައިޓެޑް އޮތްއިރު ހަތް ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް އޮންނާނެ އެވެ.