ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ރެއާލް މެޑްރިޑް ލީގުގެ ދެވަނަ އަށް ވެއްޓިއްޖެ އެވެ.

ލަލީގާގައި ރޭ ރަށުން ބޭރުގައި ބެޓިސްއާ ދެކޮޅަށް ކުޅެ ރެއާލް ބަލިވީ 2-1 އިންނެވެ. މި މެޗާ ރެއާލުން ކުރިމަތިލީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި ބާސެލޯނާ ބަލިކޮށް ތާވަލުގެ އެއްވަނަ އަށް ޖެހިލުމަށްފަހު އެވެ. އެހެންނަމަވެސް ރޭ ބެޓިސް އަތުން ބަލިވެ އަދި ބާސާ އެ ޓީމު ކުޅުނު މެޗުގައި ރެއާލް ސޮސިއެޑާޑް އަތުން މޮޅުވުމުން ރެއާލަށް މިހާރު ވަނީ އެއް ވަނަ މަގާމު ގެއްލިފައެވެ. ބާސާ ލަލީގާގެ އެންމެ ކުރިއަށް ޖެހިލީ 27 މެޗުން ހޯދި 58 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. އަނެއްކޮޅުން ރޭގެ މޮޅާއެކު ބެޓިސް ވަނީ 33 ޕޮއިންޓް ހަމަކޮށް ތާވަލުގެ 12 ވަނަ އަށް ޖެހިލައިފައެވެ.

އެސްޓާޑިއޯ ބެނީޓޯގައި ރޭ ރެއާލް އާއި ބެޓިސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ބޮޑަށް ނުރައްކާތެރިކޮށް ފެނުނީ ވެސް ބެޓިސް އެވެ. މި ހާފުގައި ރެއާލްގެ ގޯލު ފޫއަޅުވާލަން ބެޓިސް އަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ފްރާންސް މިޑްފީލްޑަރު ނަބީލް ފެކީރް ނަގައިދިން ހިލޭ ޖެހުމެއްގައި ބެޓިސްގެ ޑިފެންޑަރު މާކް ބާޓްރާ ގޯލު ކުރިމަތިން މުޅިން ހުހަށް ހުރެ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ވިހި ވަރަކަށް ޔާޑު ދުރުން ފެކީރް އެއް ފަހަރުން ޖަހައި ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ކީޕަރު ތިބައުޓް ކޯޓުއާ އެވެ.

ފުރަތަމަ ހާފުގައި ގޯލު ޖަހަން ރެއާލުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވަޑް ވިނީޝިއަސް ޖުނިއާ އަށެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބެޓިސްގެ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ވިނީޝީއަސް ތިރިތިރިން ގޯލަށް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ވެސް ހޯމް ޓީމުންނެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި މި ގޯލު ބެޓިސް އަށް ޖަހައިދިނީ ޑިފެންޑަރު ސިޑްނެއި އެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ސިޑްނެއީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލިއިރު އެ ހަމަލާ ހުއްޓުވުމުގައި ކޯޓުއާ އަށް މާ ބޮޑު މަސަތްކަތެއް ނުކުރެވުނެވެ. ސިޑްނެއި ބެޓިސް އަށް ލީޑު ނަގައިދިން ނަމަވެސް ހާފުގެ ކުޅުން ނިމެން ގާތްވެފައި ވަނިކޮށް އޭރިޔާ ތެރެއިން އޭނާ ރެއާލްގެ ޑިފެންޑަރު މާސެލޯ އަށް ފައުލްކުރި ކަމަށް ބުނެ ރެފްރީ ދިން ޕެނަލްޓީ އަކުން ކަރިމް ބެންޒެމާ ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.

ބެޓިސް އިން މެޗުގެ ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. މި ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އަލުން ލީޑު ނަގަން އެ ޓީމަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު ވިންގާ ވަކީން ގޯލަށް ޖެހި ބޯޅަ މޮޑްރިޗް ވަނީ ބޭރުކޮށްފައެވެ. މި ހާފުގެ 70 ވަނަ މިނެޓުގައި ރެއާލުން ގޯލެއް ޖެހުމާއި ގާތަށް ދިޔައެވެ. އޭރިޔާ ބޭރުން މޮޑްރިޗް ޖެހި ބޯޅަ ކީޕަރު މަތަކުރިއިރު ރީބައުންޑުގައި ލެފްޓް ބެކް ފާލަންޑް މެންޑީ ފޮނުވާލި ހަމަލާ ކީޕަރުގެ އަތުގައި ޖެހިފަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ބެޓިސް އިން ދެވަނަ ފަހަރަށް ލީޑު ނެގީ 82 ވަނަ މިނެޓުގައި ކްރިސްޓިއަން ޓެލޯ ޖެހި ގޯލުންނެވެ. މެދުތެރެއިން އަންދްރެސް ގުއާޑާޑޯ ދިން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ޓެލޯ ތިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރި ކަނަށެވެ. މެޗުގެ އިތުރު ވަގުތުގައި ނަތީޖާ އެއްވަރު ކުރަން ރެއާލަށް ފުރުސަތެއް ލިބުނު ނަމަވެސް ވިހި ޔާޑު ދުރުން ބެންޒެމާ ޖެހި ބޯޅަ ގޯލާ އަމާޒުވާ ގޮތެއްނުވި އެވެ.

ރެއާލަށް ދެން ކުރިއަށް އޮތީ ލީގު މެޗެއްގައި އެއިބާއާ ދެކޮޅަށް ސެންޓިއާގޯ ބާނެބެއުގައި އަންނަ ހުކުރު ދުވަހު ކުޅެން އޮތް މެޗެވެ. އޭގެ ފަހުން އަންނަ ހަފުތާގެ ބުދަ ދުވަހު ރަށުން ބޭރުގައި އެ ޓީމު ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މި ދެޓީމު ވާދަކުރި ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކުރީ ސިޓީ އެވެ.