ހަލުވިކަމާ އެކު، ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ "ޖަޒީރާ ޗެމްޕިއަންޝިޕް 2020" ފަސްކޮށްފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަހާ ގުޅިގެން ޖަޒީރާ ޗެމްޕިއަންޝިޕް މުބާރާތުގެ ހުރިހާ ކަންކަން މި އަހަރުގެ ރޯދަ މަހުގެ ފަހަށް ފަސްކޮށްފައިވާ ކަމަށެވެ.

އަދި މުބާރާތާ ގުޅޭ ގޮތުން މި މަހުގެ 12 ވަނަ ދުވަހު ބާއްވާ ބައްދަލުވުމާއި ޖެހިގެން އައި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގުރުއަތުލުން ވެސް ލަސް ކުރެވިފައިވާ ކަމަށް އެފްއޭއެމް އިން ނެރުނު ބަޔާނުގައިވެއެވެ.

ކުރީ ސަރުކާރުން ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރިބްރޭންޑުކޮށް ބޮޑެތި ބަދަލުތަކާ އެކު ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް ގެ ނަމުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ބޮޑު ލީގެއް ފެށުމަށް ނިންމީ ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެންނެވެ.

މިނިވަން ޗެމްޕިއަންޝިޕާއި އެއް ގޮތަށް، މި މުބާރާތް ކުރިއަށްދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅު ބުރާއި ޒޯން ބުރު އަދި ފައިނަލް ބުރެވެ. އެގޮތުން އަތޮޅު މުބާރާތް ކުރިއަށް ގެންދާނީ ކޮންމެ އަތޮޅަކުން ވެސް މުބާރާތުގައި ބައިވެރިވާ ހުރިހާ ރަށެއް ހޯމް އެންޑް އަވޭ އުސޫލުން މެޗުތަައް ކުޅެ ނިންމާލާ އިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމެއް ޒޯން ބުރަށް ދަތުރުކުރާ ގޮތަށެވެ.

ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ބޭއްވުމުގެ މައިގަޑު މަގުސަދަކީ ރަށު ފެންވަރުގައި ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ހުޅުވާލުމާއި، ރަށުގައި ހަރާކާތްތެރިވަމުންދާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކަށް ފުރުސަތު ހޯދައިދީ، އެކްލަބް ޖަމްއިއްޔާ ޖަމާއަތްތަށް އިތުރަށް ހަރުދަނާ ކުރުން ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

އަދި ދިވެހި ފުޓްބޯޅައިން ގެއްލިފައިވާ ފޯރި އަލުން އަނބުރާ ސަޕޯޓަރުންގެ ފަރާތުން ހޯދުމަށާއި މިގައުމުގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމުގައި އަތޮޅު ފުޓްބޯޅަ އަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމެއް ކަމުން ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ނެގުމަށް ކަމަށްވެސް އެފްއޭއެމް އިން ވަނީ ބުނެފައެވެ.