ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ އޭޝިއާ ސަރަހައްދުގެ މެޗުތައް ފަސްކުރުމަށް ފީފާއިން ފާސްކޮށްފިއެވެ.

ފީފާ އިން މެޗުތައް ފަސްކުރަން ނިންމައިފައިވަނީ އޭޝިޔާ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީއާ މަޝްވަރާ ކުރުމަށްފަހު އެވެ. މެޗުތައް ފަސްކުރިކަން ފީފާއިން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މިހާރު އަންގައިފައެވެ.

ރާއްޖޭން މިވަގުތު އަންނަނީ ކޮލިފައިންގައި މި މަހުގެ ތެރޭ ކުުރިން ޗައިނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ތައްޔާރު ވަމުންނެވެ. ވައިރަހުގެ ސަބަބުން މި މެޗު ކުޅުމަށް ނިންމައިފައިވަނީ ޗައިނާގެ ބަދަލުގައި ތައިލޭންޑުގައެވެ.

ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދައިފައެވެ. ތިންވަނައިގައި އޮތް ފިލިޕީންސް އިން ވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް އެއްކޮށްފައެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 5 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގް މެޗުތައް ފަސްކޮށްފައިވާއިރު އެފްއޭއެމް އިން ވަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ "ޖަޒީރާ ޗެމްޕިއަންޝިޕް 2020" ވެސް ފަސްކޮށްފައެވެ. އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަހާ ގުޅިގެން ޖަޒީރާ ޗެމްޕިއަންޝިޕް މުބާރާތުގެ ހުރިހާ ކަންކަން މި އަހަރުގެ ރޯދަ މަހުގެ ފަހަށް ފަސްކޮށްފައިވާ ކަމަށެވެ.

ކޮރޯނާވައިރަސް އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. ޔޫރަޕުން މި ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީގައި ވަނީ ކުޅިވަރު ހަރަކާތްތައް 30 ދުވަހަށް މެދުކަނޑާލާފައެވެ.

މީގެ އިތުރުން މި އަހަރުގެ ޖޫން/ޖުލައި މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވެސް ވައިރަހުގެ ހިޔަނި އެޅިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ދުނިޔެއިން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު ތިންހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.