ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ހެދި އިޓާލިއަން ފުޓްބޯޅަ ލީގުގެ ކުޅުން ސަސްޕެންޑްކޮށްފިއެވެ.

ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާއިރު ޔޫރަޕުން މި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީގައެވެ. އިޓަލީގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ފާއިތުވެދިޔަ 48 ގަޑިއިރު ތެރޭ އެތައް ގުނައެއް އިތުރު ވެފައިވާއިރު ރޭގެ ވަގުތެއްގައި އެ ގައުމުގެ ސަރުކާރުން ވަނީ މުޅި ގައުމު އެއްކޮށް ލޮކްޑައުންކޮށްފައެވެ.

އިޓަލީގެ ހުރިހާ ރައްޔިތުން ކަރަންޓީނުކޮށް އަދި ފުޓްބޯޅަ ލީގާއި ބޮޑެތި ހުރިހާ ކުޅިވަރު ހަރަކާތެއްހެން ސަސްޕެންޑްކޮށްފައިވާ ކަން އިއުލާނު ކުރީ އެގައުމުގެ ބޮޑުވަޒީރު ޖިއުސެއްޕެ ކޮންޓޭ އެވެ. ލޮކްޑައުންއާއެކު އެމަޖެންސީ ޙާލަތެއްގައި މެނުވީ އިޓަލީ އިން މީހުން ފޭބުމާއި އެރުމަކީ މިވަގުތަށް މަނާ ކަމެކެެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މުއްދަތެއް ނެތް ގޮތަށް އިޓަލީގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ސަސްޕެންޑް ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފައިވާއިރު ހުރިހާ ޔުނިވާސިޓީތަކާއި ސްކޫލްތަކާއި ސިނަމާތަކާއި ޖިމްތަކުގެ އިތުރުން ރިސޯޓުތައް އޭޕްރިލް 3 ގެ ނިޔަލަށް ވަނީ ބަންދުކޮށްފައެވެ.

ވައިރަހުގެ ސަބަބުން ޗައިނާ ފިޔަވައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީ އިންނެވެ. އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނީ ބަލި ޖެހުނު މީހުން މިދިޔަ ދެ ދުވަހު 25 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. ވައިރަސް އެންމެ ބޮޑަށް ފެތުރޭ އެ ގައުމުގެ އުތުރުގެ ލޮމްބާޑީ ސަރަހައްދު މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ. އިއްޔެ އެކަނިވެސް އިޓަލީން 133 މީހުން މަރުވިއިރު މިހާތަނަށް ވައިރަހުގެ އަސަރު ކޮށްގެން އެ ގައުމުން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 460 އަށް ވުރެ މައްޗަށް އަރައިފައެވެ.

ކޮރޯނާވައިރަސް އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. ޔޫރަޕްގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގު މެޗުތައް މި ހަފުތާގައި ފަށާއިރު ބައެއް މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅެން ވަނީ ނިންމައިފައެވެ. އެގޮތުން ފްރާންސްގައި ޕީއެސްޖީއާ ބޮރޫޝިޔާ ޑޯޓްމަންޑް ބައްދަލުކުރާ މެޗު ކުޅިބަލާ މީހުން ނުވައްދާ ކުޅެން ނިންމައިފައިވާއިރު އިޓަލީ ލޮކްޑައުންގެ ސަބަބުން ނަޕޯލީ އަދި ބާސެލޯނާ ވާދަކުރާ މެޗު އޮންނާނެ ކަމާއިމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.