އަނިޔާގެ ސަބަބުން އާސެނަލް އަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރެއިރާ އަށް ސީޒަން ނިމިއްޖެއެވެ.

ޓޮރެއިރާ އަށް އަނިޔާވީ އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ޕޯޓްސްމައުތުއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޕޯޓްސްމައުތުގެ ޑިފެންޑަރު ޖޭމްސް ބޮލްޓޮން ކުރި ނުރައްކާތެރި ޓެކުލެއްގައި ޓޮރެއިރާގެ ފައިގެ ކުޑަހުޅަށް އަނިޔާވެ އޭނާ ވަނީ ބަދަލު ކޮށްފައެވެ. ބަދަލު ކުރުމުގެ ކުރިން އޭނާ އަށް ވަނީ ދަނޑުމަތީގައި އޮކްސިޖަން ވެސް ދީފައެވެ. ރިޕޯޓުތައް ބުނާގޮތުން ޓޮރެއިރާގެ ކަނާތު ފައިގެ ކުޑަ ހުޅުގެ ކަށިކޮޅެއް ވަނީ ބިންދައިގެން ގޮސްފައެވެ.

ޓޮރެއިރާގެ އަނިޔާއާއި ބެހޭގޮތުން އާސެނަލްގެ ރަސްމީ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި އެ ޓީމުން ބުނީ އުމުރުން 24 އަހަރުގެ މިޑްފީލްޑަރުގެ ކަނާތު ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ރިކަވާ ވުމަށް މަދުވެގެން ދިހަ ވަރަކަށް ހަފުތާ ނަގާނެ ކަމަށެވެ.

ޓޮރެއިރާ އާސެނަލްއާ ގުޅުނީ އިޓަލީގެ ސަމްޑޯރިއާ އިން 26 މިލިއަން ޕައުންޑުގެ ފީއެއްގެ ދަށުން 2018 ވަނަ އަހަރުއެވެ. މިސީޒަނުގައި މިހާތަނަށް ކްލަބް ލެވެލްގައި 33 މެޗު ޓޮރެއިރާ ކުޅެފައިވާއިރު ސީޒަނުގެ ބާކީ ބައިގައި އޭނާ ލިބެން ނެތުމަކީ އާސެނަލް އަށް ލިބިގެންދާނެ ބޮޑު ދެރައެކެވެ. ކްލަބާއި ގުޅުނު ފަހުން ދާދި އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓަމުން އަންނަ ޓޮރެއިރާ އަކީ އުރުގުއޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކުރާ ކުޅުންތެރިޔެކެވެ.

ޓޮރެއިރާގެ އަނިޔާގެ ސަބަބުން މާޔޫސްކަން ލިބުނު ނަމަވެސް ކޯޗު މިކެލް އާޓެޓާ އަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލެފްޓް ބެކް ކިއެރަން ޓިއާނީ އަނިޔާއިން ސަލާމަތްވެ އެނބުރި ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމުންނެވެ. ލެފްޓް ބެކަށް ކުޅެމުން އަންނަ އަނެއް ޑިފެންޑަރު ކަމަށްވާ ބޮސްނިއާގެ ސީޑް ކޮލާސިނަޗް މިވަގުތު ހުރީ ކުޅުމާއި ދުރުގައެވެ. މިދިޔަ މަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާއި ދުރަށް ދިޔަ ކޮލާސިނަޗް އަށް އެނބުރި ދަނޑު މައްޗަށް އާދެވޭނީ މަދުވެގެން އެއް މަސް ފަހުން ކަމަށް އިނގިރޭސި ރިޕޯޓުތައް ބުނެއެވެ. އަނެއްކޮޅުން ނިމިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އަލަށް ގެނައި ޑިފެންޑަރު ސެޑްރިކް ސޯރެސް، ކަކުލުގެ މައްސަލައެއްގައި ޓީމުން ބޭރުގައި ހުރިއިރު ކަލަމް ޗެމްބާސް ވެސް ކަކުލުގެ އަނިޔާއެއްގެ ސަބަބުން ހުރީ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައެވެ.

އާސެނަލް އަށް ދެން ކުރިއަށް އޮތީ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެތިހާދުގައި ކުޅެން އޮތް މެޗެވެ. މި މެޗާ އާސެނަލުން ކުރިމަތިލަނީ 2020 ފެށުނު ފަހުން ކުޅުނު އެއްވެސް ލީގު މެޗަކުން ބަލިނުވެ ބޮޑު އިތުބާރަކާއެކު އެވެ. އަނެއްކޮޅުން ޑާބީ މެޗުގައި ސިޓީ ވަނީ ރަށުން ބޭރުގައި މިދިޔަ ހޮނިހިރު ދުވަހު ޔުނައިޓެޑް އަތުން ބަލިވެފައެވެ. ލީގުގެ ދެވަނައިގައި ސިޓީ އޮތްއިރު އާސެނަލް އޮތީ ނުވަ ވަނައިގައެވެ. ސިޓީ އަތުން މޮޅުވެގެން ތާވަލުގެ ހަވަނަ ނުވަތަ ހަތް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އާސެނަލް އަށް އޮންނާނެ އެވެ.