ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ސަބަބުން މޯލްޑިވްސް ސާފިންގް އެސޯސިއޭޝަނުން ރާވާފައިވާ ހުރިހާ ހަރަކާތެއް ފަސްކޮށްފިއެވެ.

ސާފިންގް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަނުން މާޗު މަހާއި އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ހުރިހާ ހަރަކާތެއް ފަސްކުރަން ނިންމައި ވައިޑީޕީ ޕްރޮގުރާމްތައްވެސް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެސޯސިއޭޝަންގެ ހަރަކާތްތައް ފަސްކުރަން ނިންމީ ކޮވިޑް-19 ރާއްޖެއިން ފެނިގެން، ސިއްހީ އަދި ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުގެ މައްޗަށް ރިއާޔަތްކޮށް، ކުޅުންތެރިންނާއި މުޖުތަމައުގެ އާއްމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. އަދި މިގޮތަށް ފަސްކުރެވޭ ހަރަކާތްތައް، މުޖުތަމައުގެ ސިއްހީ ހާލަތަށް އަންނަ ބަދަލާއި، ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދަށް ބަލައި ފަހުގެ ތާރީހުތަކަށް ރީޝެޑިއުލްކޮށް އަލުން އިއުލާނު ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސާފިން އެސޯސިއޭޝަނުގެ އިތުރުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފައެވެ.

އެފްއޭއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަހާ ގުޅިގެން ޖަޒީރާ ޗެމްޕިއަންޝިޕް މުބާރާތުގެ ހުރިހާ ކަންކަން މި އަހަރުގެ ރޯދަ މަހުގެ ފަހަށް ފަސްކޮށްފައިވާ ކަމަށެވެ. އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އެ އެސޯސިއޭޝަނުން މާލެ އާއި ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޔޫތު އެތުލެޓިކްސް ޓްރެއިނިން އާއި ކިޑްސް އެތުލެޓިކްސް ޓްރެއިނިން މެދުކަނޑާލައި އޭޕްރިލް މަހުގެ ނިޔަލަށް ތާވަލުކޮށްފައިވާ ހުރިހާ މުބާރާތްތަކެއް ފަސްކޮށްފައެވެ.

ކޮރޯނާވައިރަސް އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ގިނަ ގައުމުތަކަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިހާރު އޮތީ ވަގުތީ ގޮތުން ހުރިހާ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ހުއްޓާލާފައެވެ. ޔޫރަޕުން މި ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީގައި ކުޅިވަރުގެ ހުރިހާ ހަރަކާތްތައް ސަސްޕެންޑް ކޮށްފައިވާއިރު އެގައުމު އޮތީ މިވަގުތު ލޮކްޑައުންގައެވެ.